އުތީމު ފުޓްސަލް ކަޕުގައި މިއަދު ގާޒީ ބަންޑާރައިންގެ ސްކޫލާ ވާދަކޮށް ސިއްހީ މަރުކަޒު 4-1އިން މޮޅުވުމުން ސެމީ އަށް ދިއުމުގެ އެޑްވާޓޭޖް އެރަށު ކޯޓާއި ސިއްހީ މަރުކަޒަށް ލިބިއްޖެ އެވެ.
މިއަދުގެ މެޗުގައި ސިއްހީ މަރުކަޒަށް ގޯލު ޖަހައިދިނީ މުހައްމަދު ރިޝްމީ އާއި އަލީ އިހުސާން އާއި ދެ ލަނޑު ޖެހި މެޗުގެ މޮޅު ކުޅުންތެރިޔާ އަބުދުލް ކަރީމް އާދަމެވެ. ގާޒީ ބަންޑާރައިންގެ ސްކޫލަށް ސުން ކަނޑުވައިދިނީ ފުރަތަމަ ތިން ލަނޑަށް ފަހު އަހުމަދު ނިޔާޒެވެ.
މިއަދުގެ މެޗުގެ ނަތީޖާ ނުކުތްގޮތުން ގްރޫޕް ބީގެ އެއްވަނާގައިވަނީ ތިން ޕޮއިންޓާއެކު ކޯޓެވެ. ދެ ވަނަ ލިބެނީ ތިން ޕޮއިންޓާއެކު ސިއްހީ މަރުކަޒަށެވެ. ތިން ވަނާގައި ގާޒީ ބަންޑާރައިންގެ ސްކޫލް އޮތީ ޕޮއިންޓެއް ނުލިބި އެވެ. މިހެންވުމުން އަނެއް ދެ ޓީމަށްވުރެ ގާޒީ ބަންޑާރަ ސްކޫލަށް ސެމީގެ ފުރުސަތު ތަނަވަސްކުރަން ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހެ އެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ކޯޓު އަތުން ތަފާތު ބޮޑުކޮށް މޮޅުވާން ޖެހޭތީ އެވެ.
މިވަގުތު ޓޭބަލުގައި ގޯލުގެ ފަރަގު ހުރި ގޮތަކަށް ބަލާއިރު ކޯޓަށް ފައިދާ ހަތަރު ގޯލު، ސިއްހީ މަރުކަޒަށް ގެއްލުން އެއް ގޯލު އޮތްއިރު ސްކޫލަށް އޮތީ ގެއްލުން ތިން ގޯލެވެ. މިހެންވެ ސިއްހީ މަރުކަޒަށްވުރެ ގޯލުގެ ގޮތުން ކުރި ހޯދުމަށް ސްކޫލަށް މަދުވެގެން ތިން ލަނޑުގެ ފަރަގެއް ބޭނުންވެ އެވެ.
އެސްޓީއޯއިން މެއިން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އެންމެ ދެ މެޗު އޮތްއިރު ދެ ގްރޫޕުން ސެމީ އަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށް ވެސް އެބައޮތެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ފެނަކަ އާއި އުތީމު ކައުންސިލެވެ. މި މެޗުން ކިރިޔަ ކިރިޔާ ކައުންސިލް މޮޅުވިޔަސް ސެމީ އަށް ނުގޮސް ކަޓާނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒެވެ.
އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތަކީ އެރަށުގެ ޒުވާނުންނަށް ކުޅިވަރުގައި އިތުރަށް ކުރިއަށް ދިއުމަށް މަގު ފަހި ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރު ފެށި މި މުބާރާތް މި އަހަރު ބާއްވަނީ ތިލަފުށި ކޯޕަރޭޝަނާއި ރަވިންސް އަދި ރެޑްވޭވާއި މިފްކޯގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާއި މެމްބަރު އިބްރާހީމް ޝުޖާއުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގަ އެވެ.
އުތީމު ކައުންސިލުން ބުނީ މުބާރާތަށް ރަށުގެ ޒުވާނުންނާއ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. މިހެންވެ މުބާރާތް ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ފޯރިގަދަކުރުމަށް ވިސްނަމުންދާ ކަމަށެވެ.