ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއަށް ތިނަދޫ ސިޓީ މަސްވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފި އެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އޮއްސާލާފައިވަނީ އެ ސިޓީއަށް މިނިސްޓަރު ޝިޔާމް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ރަށު މަސްވެރިންނަށް ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން ވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފަ އެވެ.
އެ ގޮތުން މަސްވެރިން ވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފަ އެވެ.
މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއްކަން މަސްވެރިން ފާހަގަކުރި އެވެ. އެހެންކަމުން މިނިސްޓްރީން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްގީ ކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސްވެރިން އެދިފައިވެ އެވެ.
މިނިސްޓަރު ޝިޔާމް ވަނީ ތެލުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ތިނަދޫގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބަލައި މިނިސްޓްރީން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި މިނިސްޓްރީން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފަ އެވެ.