މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ޑރ. މުނާ

ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑރ. ފާތިމަތު މުނާ އައްޔަންކޮށްފި އެވެ.

މުނާ މި މަގާމަށް އައްޔަންކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި މުނާ ވިދާޅުވީ އޭނާ އައްޔަންކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތުތައް ވީއެންމެ ފުރިހަމައަށް އަދާކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.

ކުރިން މީޑިއާ ކައުންސިލްގެ އިސް މަގާމެއްގައި ހުންނެވި ޑރ. މުނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. ނަމަވެސް އޮފީހަށް ނިކުންނަން އޮތް ފުރަތަމަ ދުވަހު ވަނީ ގޭގައި މަޑުކުރުވާފަ އެވެ.

މުނާގެ ކުރިން ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ ހުރަވީ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.