ހއ. ހޯރަފުށި

ހޯރަފުށީގައި ޑްރަގު ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ރަތްބަގީޗާގެ، އަހްމަދު ޝީބާން (42އ) އެވެ.

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި، ޝީބާން ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންނެވެ. މި ތަކެތީގެ ވަގުތީ ބަރުދަނީ 50.6 ގްރާމެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް އެ ތަނުން ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.