ރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިގްތިސާދީ ފުރުސަތުތައް އިތުރު، އިޖުތިމާއީ ހަމަހަމަކަން ގާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި މުސްތަގުބަލުގައި ފެނިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި އަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ ތިން ގޮތެއް އެބައޮތް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި ޒުވާނުން ޝައުގުވެރިކުރުވައި އެމީހުންގެ ބައިވެރިވުން ލިބޭގޮތަށް ގަރާރުތަކާއި އެއްބަސްވުންތައް ހެދުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
"މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުން މުހިއްމު. އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން މިދަނީ މަސައްކަތްވެސް ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އޭގެ އަސަރުކުރާ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެހެން ހުރިހާ ގައުމުތަކުން ވެސް އެގޮތަށް އެ ގައުމުތަކުގެ ޒިންމާ އަދާކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ތިންވަނަ ކަމަކަށް އެމަނިކުފާނު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަސީލަތްތަކުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި އަދި ހުރިހާ ފަރާތްތަކަށް ބޭނުންހިފޭ ފަދަ މާލީ ނިޒާމެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މުސްތަގުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށް ވުރެ ބައިނަލްއަގްވާމީ މުޖުތަމައުން އެކަމަކާ މެދު ނިންމި ހަރުދަނާ ނިންމުމަށް ކަމަށެވެ. އެހެންކަމުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްތީނަށް އދގެ ފުރިހަމަ މެންބަރުކަން ދިނުމަށްވެސް ގޮވާލެއްވި އެވެ.