ހަބަރު

ގޮނޑުދޮށް ހިމާޔަތް ކުރާ ލިސްޓްގައި މިއަހަރު މީދޫއެއް ނެތް: ތޯރިގު

މި އަހަރު ގޮނޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ މީދޫ ނުހިމެނޭ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި އެވެ.

ތޯރިގު މިހެން ވިދާޅުވީ މިއަހަރު 12 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އާ މަޝްރޫތަކުގެ ތެރޭގައި އައްޑޫ މީދޫ ހިމެނޭ ތޯ އަދި މީދޫ ރަށުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒެއިނާ އާދަމް ސުވާލު ކުރެއްވެމުންނެވެ.

ތޯރިގު ވިދާޅުވީ މިދިޔަ އަހަރު ހުޅުދޫ އަދި މީދޫ ގިރާ ސަރަހައްދު ސާވޭ ކުރުމަށް އީޕީއޭގެ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި މި ސާވޭ އިން ފާހަގަ ކުރެވުނީ އެ ދެރަށުގެ އިރުމަތީ ފަރާތުން ގާތްގަނޑަަކަށް 5.2 ކިލޯމީޓަރުގެ ސަރަހައްދެއްގެ ގިރިފައިވާ ކަމަށެވެ. އަދި ހުޅުދޫ އިރުމަތީ ތޮށި ޖަހާފައި ހުރި ސަރަހައްދުން ފެށިގެން އުތުރަށް އެއް ކިލޯ މީޓަރު ގިރާފައިވާ ސަރަހައްދައި ގޯތިތަކާއި ދެމެދު ހުރީ ގާތްގަނޑަކަށް އެންމެ 15 މީޓަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މީދޫ އަދި ހުޅުދޫ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރާނީ އެއް މަޝްރޫއެއްގެ ދަށުންއެކި ފިޔަވަހީގައި ކަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހި މަސައްކަތް އަމާޒު ކުރެވިފައި ވަނީ ހުޅުދޫ އާބާދީއާ ކައިރިން ގިރާފައިވާ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ މިއަހަރު ގޮނޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ މީދޫ ނުހިމެނެ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ހުޅުދޫގެ މަސައްކަތަށް 26 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށް އެޕްރިލް މަހު ބިޑް ކުރާނެ ކަމަށާއި އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިޔަށް ގެންދިޔުމާއި މެދު ގޮތެއް ނިންމަން ކުރަން ޖެހޭ ދިރާސާތައް ކުރަން މިހާރު ވަނީ ފެށިފަ ކަމަށެވެ.