ފެނަކަ ކޯޕްރޭޝަން

ފެނަކައަށް ގެއްލުންވާތީ 16 ނަރުދަމާ މަޝްރޫއެއް ބާތިލުކޮށްފި

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް 16 ރަށެއްގެ ނަރުދަމާ ނިޒާމުގެ މަޝްރޫތަކެއް ބާތިލުކޮށްފި އެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ފެނަކައާ ހަވާލުކޮށްފައިވާ 16 ރަށެއްގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ބާތިލުކުރަން ނިންމީ މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވި ގޮތަށް ކުރިއަށް ނުދާތީ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކުރަމުންްދާ ކަމަށްވެސް ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ އެ މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ 518 މިލިއަން ރުފިޔާއިން ހޭދަކޮށްފައިވަނީ 92 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ބޭނުންކޮށްފައި ހުރީވެސް އެންމެ ރަނގަޅަށް ނޫން ކަަމަށެވެ.

ނަރުދަމާގެ ބޮޑެތި މަޝްރޫއުތަކާ ފެނަކައިން ހަވާލުވިއިރު އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް އެ ކުންފުނީގައި ނެތް ކަމަށާއި އެތަކެތި ވެސް ނެގީ ކުއްޔަށް ކަމަށް ޑިރެކްޓަރު ވިދާޅުވި އެވެ. އަދި ކުއްޔަށް ނަގާފައި ހުރި ވަސީލަތްތަކަކީ ބޭނުން ނުކުރާ ދުވަސްތަކަށްވެސް ފައިސާ ދައްކަންޖެހޭ ތަކެތި ކަމުން އިތުރަށް ހަރަދު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ އެ މަޝްރޫއުތަކުގެ ސަބަަބުން ޖުމްލަ 170 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

"ރަނގަޅަށް ރެކޯޑު ބެލެހެއްޓިފައި ހުރި ނަމަ އެއަށް ވުރެވެސް ގެއްލުން ބޮޑުވާނެ،" ވާހިދު ވިދާޅުވި އެވެ.

ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ބާތިލުކުރި ރަށްތައް

  • ބ. ދޮންފަޅު
  • ބ. ފެހެންދޫ
  • ބ. ފޮޅަދޫ
  • ބ. ކުޑަރިކިލު
  • ބ. ކިހާދޫ
  • ށ. ބިލެތްފަހި
  • ށ. ނޫމަރާ
  • ނ. ލަންދޫ
  • ނ. މިލަންދޫ
  • ނ. މަގޫދޫ
  • ތ. މަޑިފުށި
  • ތ. ދިޔަމިގިލި
  • މ. ރަތްމަންދޫޫ
  • މ. ނާލާފުށި
  • ލ. ކުނަހަންދޫ
  • އދ. ފެންފުށި

ވާހިދު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ސައިޓުގައި މަސައްކަތްކުރާ އެންމެ އާދައިގެ މުވައްޒަފަށްވެސް މަހެއްގެ މައްޗަށް 45،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިީފައިވާ ކަމަށެވެ.

"މިދާއިރާގެ ކޮންސަލްޓަންޓުންނަށް ވެސް އެވަރުގެ މުސާރައެއް ނުލިބޭ. އޭގެ ސަބަބުން އެ މަސައްކަތަކީ ދެމެހެއްޓެނިިވި މަސައްކަތެއްގެ ގޮތުގައެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ވާހިދު އިތުރަށް ވިދާޅުވީ މަޝްރޫއުތަކާ ބެހޭ ކަންކަމުގައި ރަނގަޅު ރެކޯޑެއް ނެތް ކަމަށާއި ހޭދަވެފައިވާ ފައިސާގެ ރަނގަޅު އަދަދުވެސް އެނގިފައި ނެތް ކަމަށެވެ.