އިޒްރޭލް

"ހިޒްބުﷲއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޮޑު ކުރިއެރުމެއް ލިބިއްޖެ"

އިޒްރޭލުން ލުބުނާނަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކުން ހިޒްބުﷲގެ އަސްކަރީ ބޮޑެތި ބާރުތަކެއް ނައްތާލެވިއްޖެ ކަމަށް އިޒްރޭލުގެ ސަރުކާރުން ބުނެފި އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވީ މިއީ ހިޒްބުﷲގެ ތާރީޚުގައި އެންމެ ގެއްލުން ބޮޑު ހަފްތާ ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި 550 އަށް ވުރެ ގިނަ ކުށެއް ނެތް ލުބުނާނުގެ އާންމު އެތައް ރައްޔިތުން މަރުވެފައިވާ ކަމަށް ލުބުނާން ސަރުކާރުން ބުނެ އެވެ. މީގެ ތެރޭގައި 50 މައުސޫމު ތުއްތު ކުދިންވެސް ހިމެނެ އެވެ.

އިޒްރޭލުން މިހާރު ގަބޫލުކުރާ ގޮތުގައި ހިޒްބުﷲއަށް ބޮޑެތި ގެއްލުންތައް ދިނުމުން، އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި އީރާނުގެ ބާރުވެރިން، ހިޒްބުﷲ އިން އިޒްރޭލާ ދެކޮޅަށް ހިނގަމުންދާ އިދިކޮޅު ހަރަކާތްތައް ހުއްޓާލާނެ އެވެ.

ފަލަސްތީންގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި، ހަމާސްގެ ހަނގުރާމަވެރިންވެސް އަދިވެސް އިޒްރޭލު އަސްކަރިއްޔާއަށް ދޭތެރެދޭތެރެއިން ބޮޑެތި ގެއްލުންތައް ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަނގުރާމައިގެ މަގުސަދަކީ ހިޒްބުﷲގެ ބާރު ކުޑަކުރުމާއި، ލުބުނާން ބޯޑަރުން އެ ޖަމާއަތް ފަހަތަށް ޖައްސާލުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވި އެވެ.

އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެ ބޮޑު ހަނގުރާމައެއްގެ ހުޅުފަޅައިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ލުބުނާނަށް ދެމުންދާ ހަމަލާތައް ދިގުދެމިގެންދާނަމަ ހަނގުރާމައިގެ ތެރެއަށް އިތުރު ގައުމުތަކުން ވަނުމަކީ އެކަށީގެންވާ ކަމެކެވެ.