އެޗްޑީސީ

ހުޅުމާލޭގައި މޮނިއުމަންޓް ހެދުމުގެ މުބާރާތެއް ފަށައިފި

ހުޅުމާލޭގައި ރައުންޑްއެބައުޓްސް ތަކުގައި ބަހައްޓާނެ މޮނިއުމަންޓުތައް ޑިޒައިންކުރުމުގެ މުބާރާތެއް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހުރި ރައުންޑްއަބައުޓްސްތަކުގައި ބަހައްޓާނެ، ދިވެހިންގެ ރާއްޖެއާ ގުޅޭ މޮނިއުމަންޓް ޑިޒައިންކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު 30 އޮކްޓޯބަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުން އެއްވަނަ ލިބޭ މީހަކަށް 100،000 ރުފިޔާގެ އިނާމެއް ލިބޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ މޮނިއުމަންޓުތައް ބެހެއްޓުމުގެ މަގުސަދަކީ ރައުންޑްއަބައުޓްސް ހުންނަ ސަރަހައްދުތައް ދިވެހީންގެ ތަރިކައާއި، ސަގާފަތާއި ގައުމިއްޔަތު ދައްކުވައިދޭ މޮނިއުމަންޓުތަކުން ރީތިކުރުން ކަމަށެވެ.

މި މުބާރާތުގައި ޕްރޮފެޝަނަލް އާޓިސްޓުންނަށާއި، ޑިޒައިނަރުން، އާކިޓެކްޓުން އަދި ކުރެހުމުގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.

އެޗްޑީސީން ވަނީ މުބާރާތާ ބެހޭ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ. އެ ގައިޑްލައިނުގައި ވާގޮތުން މުބާރާތުގައި ފަސް މީހުންގެ ގްރޫޕަކުން ނުވަތަ އެކަނި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. އަދި ބައިވެރިންނަކީ 18 އަހަރު ފުރިފައިވާ މީހުން ކަމުގައި ވާން ޖެހެއެވެ.

އޭގެ އިތުރުން ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ހުރިހާ މޮނިއުމަންޓަކަށް ޑިޒައިން ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން ޖުމްލަ 17 ޑިޒައިން ކޮންމެ ބައިވެރިއަކު ހުށަހަޅަން ޖެހޭނެއެވެ. އަދި ޑިޒައިން ތަކަކީ ޓްރެފިކަށް ބުރޫ ނާރާ، ދިގު މުއްދަތަކަށް ބެހެއްޓޭނެ ފަދަ މޮނިއުމަންޓުތަކަށް ވާން ޖެހެއެވެ.

އެޗްޑީސީން ބުނީ މި މުބާރާތުން ހޮވޭ ފަރާތް ނޮވެމްބަރު 14ގައި އިއުލާންކުރާނެ ކަމަށެވެ.