އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީން އޮން އެޑްރެސިން އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖެއިން ރާއްޖޭގެ ރަށްތައް ސަލާމަތް ކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެ ކަމުގައި ވިދާޅުވެފަ އެވެ.
"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖުތިމާއީ-އިގުތިސާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަގާފަތާ ހުރިގުޅުން" މައުލޫއެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް އެދިވަޑައިގެންފަ އެވެ.
މިކަމާގުޅޭ ގޮތުން ރައީސް މުއިއްޒު ވަނީ މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފަ އެވެ.
އެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އިގުތިސާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ހިމާޔަތްކުރުމެވެ.
ދެވަނަ ކަމަކަށް ފާހަގަކުރެއްވީ ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމައުތައް ބާރުވެރިކޮށް، ސަގާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ހިމާޔާތްކުރުމުގެ މުހިންމު ކަމެވެ. ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ގައުމެއް ގިނިކަންޏާ ކުރިމަތިލައި، ހައްލު ހޯދަންޖެހިގެން ނުވާނެ ކަމުގައި ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަ ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަގާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަގުބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވި އެވެ. އަދި މިކަމަށް އެދެވޭ ހައްލެއް ނުހޯދޭކަމުގައިވާނަމަ، އދ. ގެ އާންމު މަޖިލީހަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި ވިދާޅުވި އެވެ.