ޓޫރިސްޓު އުޅަނދުތަކުގެ އެޖެންޓްކަން ހަމައެކަނި 100 ޕަސަންޓް ދިވެހި ކުންފުނިތަކަށް ކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ބޭރުގެ ޓޫރިސްޓު އުޅަނދުތައް ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ގަވައިދު އިސްލާހުކުރުމަށްފަހު އިއްޔެ ގެޒެޓުކޮށްފަ އެވެ.
މިގަވާއިދުގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓު އުޅަނދުތަކުގެ އެޖެންޓުކަން ކުރެވޭނީ ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހިން ތިބޭ ކުންފުނިތަކަށެވެ. އަދި ކުންފުނީގެ ޕާޓްނަރުން ތިބޭނަމަ އެ ޕާޓްނަރުންގެ ބައިވެރިންގެ ގޮތުގައިވެސް ތިބެން ޖެހޭނީ ހަމައެކަނި ދިވެހިންނެވެ.
މީގެއިތުރުން އާ ގަވައިދުގައި ބުނެފައިވަނީ ޓޫރިސްޓު އުޅަނދުތަކުގައި ރާއްޖެ އަންނަ ފަޅުވެރިންނާއި ފެސެންޖަރުން ދާ އެކްސްކާޝަންތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ހުއްދަ އޮންނަ ޓުއާގައިޑުންނަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓު އުޅަނދުތަކަށް ދޫކުރާ ޕެސެންޖާ ލައިސަންސަށް ނަގާ ފީއަށް ވެސް ބަަދަލު ގެނެސްފަ އެވެ. އެގޮތުން ކުރީގައި 75 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުތަކަށް ލައިސަންސް ފީގެ ގޮތުގައި ނަގަނީ 700 ޑޮލަރެވެ.
ނަމަވެސް ގަވާއިދަށް ގެނައި އިސްލާހާއެކު 75 މީޓަރާއި 100 މީޓަރާއި ދެމެދުގެ އުޅަނދުތަކުގެ ލައިސަންސް ފީގެ ގޮތުގައި ނަގާނީ 650 ޑޮލަރެވެ. އަދި އެއަށް ވުރެ ދިގު އުޅަނދުތަކުގެ ލައިސަންސް ފީގެ ގޮތުގައި 750 ޑޮލަރު ނަގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި ކްރޫޒްލައިނެއް ނުހިމެނެ އެވެ.