ހޮލީވުޑް

ހެރީ ޕޮޓާގެ އެކްޓްރެސް މެގީ ސްމިތް މަރުވެއްޖެ

ހެރީ ޕޮޓާ ފިލްމް ސީރީޒް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރޮފެސަރު މިނާވާ މެކްގޮނަގަލް، ބްރިޓިޝް އެކްޓްރެސް ޑޭމް މެގީ ސްމިތް އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.

ސްމިތްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑޭމް މެގީ ސްމިތް މަރުވީ ގޭގައި އިންދާ ކަމަށެވެ.

ސްމިތްއަކީ އޭނާގެ ކެރިއަރުގައި ހަތަރު ފަހަރެއްގެ މަތިން އެމީ އެވޯޑް، ތިން ފަހަރެއްގެ މަތިން ގޯލްޑަން ގްލޯބް އެވޯޑް އަދި ދެ ފަހަރެއްގެ މަތިން އެކަޑަމީ އެވޯޑް ހޯދާފައިވާ އެކްޓްރެސް އެކެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑައުންޓަން އެބީ ޓީވީ ސީރީޒް އަދި ފިލްމުތަކުގައެވެ.

ސްމިތްގެ ކެރިއަރު ފެށީ 1950ގެ އަހަރުތަކުގައި އޮކްސްފޯޑް ޔުނިވަސިޓީ ޑްރެމެޓިކް ސޮސައިޓީއާ ގުޅުމަށްފަހު އެވެ.

އޭނާގެ ފުރަތަމަ ބްރޯޑްވޭ ޝޯ "ނިއު ފޭސަސް އޮފް 1956" ގައި ބައިވެރިވުމަށްފަހު، ސްމިތް ވަނީ ބްރޯޑްވޭގައި އޭނާގެ ނަން މަޝްހޫރުކޮށްފަ އެވެ.

ސްމިތްގެ ކެރިއަރުގައި އެތައް ބައިވަރު މަޝްހޫރު ރޯލުތަކެއް ކުޅެފައިވެ އެވެ. މީގެތެރޭގައި "ދަ ޕްރައިމް އޮފް މިސް ޖީން ބްރޯޑީ" (1969)، "ކެލިފޯނިއާ ސުއީޓް" (1978)، "ޓީ ވިތް މުސޮލީނީ" (1999) އަދި "ގޮސްފޯޑް ޕާކް" (2001) ހިމެނެ އެވެ.

އޭނާގެ އެންމެ ފަހުގެ ޖީލުގެ ފަރާތުން އެންމެ މަޝްހޫރު އެއް ރޯލަކީ ހެރީ ޕޮޓާ ފިލްމު ސީރީޒްގައި ޕްރޮފެސަރު މިނާވާ މެކްގޮނަގަލްގެ ރޯލެވެ. މީގެ އިތުރުން ޑައުންޓަން އެބީގައި ވައިކައުންޓެސް ވަޔޮލެޓް ކްރޯލީގެ ރޯލުވެސް ވަރަށް މަޝްހޫރުވެފައިވެ އެވެ.

ސްމިތްގެ ހުނަރުވެރިކަމާއި ގާބިލުކަން ފާހަގަކޮށް، 1990 ގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ވަނީ އޭނާއަށް ޑޭމްގެ މަގާމު ދެއްވާފަ އެވެ. މީގެ އިތުރުން 2014 ގައި އޭނާއަށް ވަނީ ކޮމްޕޭނިއަން އޮފް އޮނާ މަގާމު ދެއްވާފަ އެވެ.

ސްމިތް މަރުވުމާ ގުޅިގެން ގިނަ އަދަދެއްގެ ފަންނާނުންނާއި ސިޔާސީ ލީޑަރުން ވަނީ އެކި ގޮތްގޮތުން އޭނާގެ ހަނދާން އާކޮށް، އޭނާގެ ހުނަރުވެރިކަމަށް ތައުރީފް ކޮށްފަ އެވެ.