ދުނިޔެ

އިނގިރޭސީންނާއި ޗައިނާއާ ދެމެދު އޮތް ގުޅުން ނިމިއްޖެ: ސުނަކް

Nov 29, 2022

އިނގެރޭސިވިލާތާއި ޗައިނާއާއި ދެމެދު އޮތް ގުޅުމުގެ "ރަން ޒަމާން" ނިމުމަކަށް އައިސްފައިވާ ކަމަށް އިނގެރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެ އެވެ.

ސުނަކް މިހެން ވިދާޅުވީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ދެއްކެވެވި ފުރަތަމަ ވާހަކަފުޅުގަ އެެވެ.

ސުނަކް ވިދާޅުވި ގޮތުގައި ޗައިނާ އަކީ އިނގިރޭސިވިލާތުގެ މަސްލަހަތުތަކާއި ގަބޫލުކުރުން ތަކަށް އޮތް ނިޒާމީ ހުރަހެކެވެ.

ޗައިނާއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭގޮތުން ސުނަކް ވާހަކަދައްކަވާފައި މިވަނީ ޗައިނާގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ކަވަރުކުރަމުން ދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ބީބީސީގެ ރިޕޯޓަރު އެޑްވާޑް ލޯރެންސް ޗައިނާގެ ފުލުހުން ހައްޔަރުކޮށް ބަންދުގައި އެތައް ގަޑިއިރަކު ބެހެއްޓި ހާދިސާ އަށް ފަހު އެވެ.

ޗައިނާ ފުލުހުން ލޯރެންސަށް އަނިޔާކޮށްފައިވާ ބީބީސީ އިން ރިޕޯޓްކޮށްފައިވެ އެވެ.

ސުނަކް ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން އިނގިރޭސިވިލާތަށް އެކި ދާއިރާތަކުން ކުރިއެރުން ލިބޭނޭކަމަށް ވިސްނިވަޑައިގެންފައި އޮތް ކޮށި ވިސްނުންވެސް މިހާރު ދޫކޮށްލައްވާފައިވާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް ޗައިނާއިން ކުޅޭ ރޯލުގެ މުހިއްމުކަން ހަނދާނުގައި ބަހައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ ބާލީގައި މި މަހު ކުރީކޮޅު ބޭއްވި ޖީ20 ސަމިޓުގައި ދެ ގައުމުގެ ވެރިންގެ މެދުގައި ބާއްވަން ތާވަލްކުރި ބައްދަލުވުން ވެސް ފަހުން ކެންސަލްކޮށްފައިވެ އެވެ. އަދި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުރި ސަރުކާރުގެ ބައެއް އިމާރާތަކުގައި ޗައިނާއިން ގާއިމުކޮށްފައިވާ އަދި ގާއިމުކުރަން ނިންމާފައިވާ ހުރިހާ ސީސީޓީވީ ކެމެރާތައް އޮޕަރޭޓް ކުރުމާއި ބެހެއްޓުން ވެސް އިނގިރޭސި ސަރުކާރުން މިހާރު ވަނީ ހުއްޓުވާފަ އެވެ.

ސުނަކް އިސްކަން ދެއްވަނީ އިންޑޯ-ޕެސިފިކް ގައުމުތަކާ އެކު އިނގެރޭސިވިލާތުން ގުޅުންތައް ވަރުގަދަކޮށް ވިޔަފާރި އަދި ސަލާމަތީ ދާއިރާ އިން މުއާމަލާތްތައް އިތުރުކުރުމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމަށްޓަކައި ކުރެއްވި ކެމްޕޭންގައިވެސް ސުނަކް ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ޗައިނާ އަކީ އިނގެރޭސިވިލާތަށާއި މުޅި ދުނިޔެއަށް އޮތް ބޮޑު ބިރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.