ރެފިއުޖީ ކޭމްޕެއްގައި އުޅެ ބޮޑުވި ފަލަސްތީނުގެ މުދައްރިސަކަށް އެއް މިލިއަން ޑޮލަރުގެ ޓީޗިންގެ އެވޯޑެއް ލިބިއްޖެ އެވެ.
ފަލަސްތީނުގެ މި ޓީޗަރު ހަނާން އަލް ރުއޫބް އަށް މި އެވޯޑު ހަދިޔާ ކޮށްފައިވަނީ ޑުބާއިގައި މިހާރު ވެރިކަން ކުރަމުން އަންނަ ޝެއިޚް މުހައްމަދު ބިން ރާޝިދް އަލް މަޚްތޫމްއެވެ.
ހަނާން އަށް އެވޯޑު ލިބުނީ ޝެއްޚް މަޚްތޫމް އަދި ވާކީ ފައުންޑޭޝަނުގެ ރައީސް ސަނީ ވާކީގެ ފަރާތުންނެވެ. މި އެވޯޑު ލިބުނު ފަލަސްތީނުގެ މުދައްރިސަކީ ރެފިއުޖީއިންނަށް ކިޔަވާ ދިނުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ހާލުގަ ޖެހިފައިވާ ކުދިންނަށް ކިޔަވާ ދެމުން އަންނަ މުދައްރިސެކެވެ.
މި އެވޯޑު ލިބުމުން ހަނާން ވިދާޅުވީ ފަލަސްތީނުގެ އަންހެން މުދައްރިސެއްގެ ހައިސިއްޔަތުން ސްޓޭޖު މަތިން މި އެވޯޑު ލިބުމުން ފަޚުރުވެރިވާ ކަމަށެވެ. އަދި މީގެ އިތުރުން މުދައްރިސުންނަށް ދުނިޔެ ބަދަލު ކުރެވޭނެ ވަރުގެ ބާރު ހުރިކަމަށް އޭނާ ބުންޏެވެ.
އެވޯޑާއި އެކީގަ ލިބުނު ލާރި ހަނާން ހަރަދު ކުރަން ގަސްދު ކުރަނީ ފަލަސްތީނުގެ ރެފިއުޖީ ކުދިންނަށް ކިޔަވާ ދިނުމަށެވެ.