އިޒްރޭލް

ހިޒްބުﷲގެ ލީޑަރު ނަސްރުﷲ އަވަހާރަކޮށްލައިފި

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ އިސްވެރިޔާ ހަސަން ނަސްރުﷲ މަރާލާފައިވާ ކަމަށް ހައްދުން ނައްޓާފައިވާ އިޒުރޭލުގެ ސިފައިން ބުނެފި އެވެ.

އިޒުރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނި ގޮތުގައި ހަސަން ނަސްރުﷲ މަރުވީ ހުކުރު ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުރި ހިޒްބުﷲ މައި މަރުކަޒަށް އަސްކަރިއްޔާގެ ޖެޓުތަކުން ދިން ހަމަލާއެއްގައެވެ.

އިޒުރޭލުގެ ސިފައިންގެ ލެފްޓިނަންޓް ކާނަލް ނަދަވް ޝޮޝާނީ ވަނީ އެކްސް މީޑިއާ މެދުވެރިކޮށް "ހަސަން ނަސްރުﷲ މަރުވެއްޖެ" ކަމަށް ބުނެފަ އެވެ.

ހިޒްބުﷲ އިން ވެސް ވަނީ ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް ޔަގީންކޮށްދީފަ އެވެ. އަދި ފަލަސްތީންގެ ހައްގުގައި އެ ޖަމާއަތުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އީރާނުގެ އެހީތެރިކަމާއެކު ހިންގާ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ކަމުގައި ހަސަން ނަސްރުﷲ ހުންނަވާތާ ވަނީ 30 އަހަރު ވެފަ އެވެ.

އިޒުރޭލުގެ މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން އީރާނުގެ ދައުވަތަކަށް އެގައުމުގައި ހުންނަވަނިކޮށް އިޒްރޭލުން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާވެސް އަވަހާރަކޮށްލާފައިވެ އެވެ.