ޕްރިމިއާ ލީގް

ސަލާހުގެ އެހީއާއެކު ލިވަޕޫލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ވުލްވްހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗް 2-1 އިން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ މިހާރު ލީގުގެ އެއްވަނައަށް ޖެހިލައިފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ދެވަނަ ހާފުގައި ވުލްވްސް އިން މެޗު އެއްވަރު ކުރި އެވެ. އެ ލަނޑު ޖެހީ ރަޔާން އައިޓް-ނޫރީއެވެ. ނަމަވެސް، މުހައްމަދު ސަލާހު ވަނީ ޕެނަލްޓީއަކުން ލިވަޕޫލްގެ މޮޅުވުން ޔަގީން ކޮށްދީފަ އެވެ.

މި ނަތީޖާއާއެކު، ލިވަޕޫލް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހޯދައި އެއްވަނައަށް އަރައިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް އާސެނަލްއަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.

މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ.

ލިވަޕޫލް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރަށުން ބޭރުގަ އެވެ.