ދިރާގު

ދިރާގާއި ކެންސާ ސޮސައިޓީން ޕާޓްނާޝިޕެއް ގާއިމުކޮށްފި

ޗައިލްޑްހޫޑް ކެންސަރު -- ކުޑައިރު ޖެހޭ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން، ކުޑައިރު ޖެހޭ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކުރާ ވީޑިއޯ ސީރީޒްތަކާއި އެނިމޭޓެޑް ލަވަތައް ތައްޔާރުކުރުމަށް ކެންސާ ސޮސައިޓީއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި ވީޑިއޯތަކުގެ ތެރޭގައި ކުޑައިރު ޖެހޭ ކެންސަރުގެ އަލާމާތްތަކާއި ކެންސަރާ ހަނގުރާމަކޮށް ބަލިން ރަނގަޅުވެފައިވާ މީހެއްގެ ވާހަކައިގެ އިތުރުން ޑޮކްޓަރުންގެ އިރުޝާދު ހިމެނެ އެވެ.

މީގެ އިތުރުން ކުޑައިރު ޖެހޭ ކެންސަރު ދެނެގަތުމަށްފަހު، ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދިރާގާއި ކެންސާ ސޮސައިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ޔުނިސެފް ގުޅިގެން ތައްޔާރުކުރި ކިޓެއް ވަނީ ލޯންޗްކޮށްފަ އެވެ.

ޓޫލްކިޓާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީން ބުނީ އަވަހަށް ބަލި ދެނެގަނެ ފަރުވާ ހޯދުމާ އެއްވަރަށް ބަލިން އަރައިގަތުމަށް ކުޑަކުދިންނަށް އެންމެންގެ ސަޕޯޓާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު އާއި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރިޕްރެޒެންޓޭޓިވް އީސީ ފައިންގޯލްޑް ބައިވެރިވި އެވެ.

ދިރާގުން ބުނީ ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ސީއެސްއާރުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

މިފަދަ މަސައްކަތްތަކުގެ ސަބަބުން ހޭލުންތެރިވުމުގެ އިތުރުން ކުޑަކުދިންގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް އެއްބާރުލުން ލިބޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ޗައިލްޑްހުޑް ކެންސާ" މަހެވެ.

ކެންސާ ސޮސައިޓީން ހާމަކުރި ގޮތުގައި ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ކުޑަކުދިންގެ ކެންސަރު އެންމެ ގިނަ އެއް ގައުމެވެ. އެގޮތުން ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގެ ގާތްގަނޑަކަށް 5-4 ޕަސެންޓަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ ކުޑަކުދިން ކަމަށް ކެންސާ ސޮސައިޓީން ބުނެ އެވެ.