ލުބުނާނުގެ އެތައް ލައްކަ ރައްޔިތުންނަށް ކާބޯތަކެތީގެ ކުއްލި އެހީ ބޭނުންވާތީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އދގެ ކާބޯތަކެތީގެ ޕްރޮގްރާމް -- ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ ބުނެފި އެވެ.
ޑަބްލިއުއެފްޕީގެ ޕްރޮގްރާމު ލުބުނާންގައި ފެށުމަށް ނިންމާފައި މިވަނީ އިޒުރޭލުން އެ ގައުމަށް ވަރުގަދަ ހަމަލާތަކެއްދީ އެތައް ސަތޭކަ ބަޔަކު މަރާލުމާ ގުޅިގެން އެތައް ބައެއްގެ ގޯތިގެދޮރު ގެއްލި އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ އެވެ.
ޑަބްލިއުއެފްޕީ އިން ބުނާ ގޮތުގައި ތަފާތު ވައްތަރުގެ ތައްޔާރީ ކާނާއާއި، ރޮށި އަދި އެކި ވައްތަރުގެ ކާބޯތަކެތީގެ ޕާރުސަލްތައް ހާލުގައި ޖެހިފައިވާ މީހުން ތިބި މަރުކަޒުތަކަށް ފޯރުކޮށްދޭނެ އެވެ. މި އެހީ އެއް މިލިއަން މީހުންނަށް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވެ އެވެ.
އިޒުރޭލުން ބުނާ ގޮތުގައި ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމަށްފަހު މިހާރު ވިސްނުމަކީ ލުބުނާންގެ ހަނގުރާމަވެރިން ދުވަސް ދުއްވާލުމެވެ.
ޑަބްލިއުއެފްޕީގެ ފަރަތުން ލުބުނާނުގައި ހުންނަވާ މެތިއު ހޮލިންގްވާތު ވިދާޅުވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ގޭގެއިން ނުކުތް އެތައް ބަޔަކަށް މިހާރު ވަނީ އެހީ ފޯރުކޮށްދެވިފަ އެވެ. އަދި މި އަހަރުގެ ނިޔަލަށް މި ޕްރޮގްރާމް ހިންގުމަށް 105 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުގެ ސަރަޙައްދީ ޑައިރެކްޓަރު ކޮރިން ފްލައިޝާ ވިދާޅުވީ ލުބުނާނަކީ މިހާރު ކުރިއަށްދާ ހަނގުރާމައިގެ ކުރިންވެސް ވަރަށް ނާޒުކު ހާލަތެއްގައި އޮތް ގައުމެއް ކަމަށެވެ. އެހެންކަމުން އިތުރު ހަނގުރާމައެއް ތަހައްމަލް ކުރަންޖެހުމަކީ ލުބުނާންގެ ރައްޔިތުން ބަޑަށް ޖެހި މަރުވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.