މޯލްޑިވްސް އިމިގްރޭޝަން

314 ތަނެއް ބަލައި 700އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލު ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިހެން ބުނީ ހުޅުމާލޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ އެ އިދާރާގެ 200 އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނަކަށްފަހު އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ވިޔަފާރިކުރާ ބިދޭސީންނައި، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދައި ސުވާލުކުރެވުނު ކަމަށެވެ.

ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

މީގެއިތުރުން ވިސާ ފުރިހަމަ ނުވާ 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައިވާ ކަމަށާއި އަދި ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވަމުންދާ 92 ދިވެހިންނަށް ލިޔުމުން ނޯޓިސް ދީފައިވެ އެވެ. ނޯޓިސް ދިން 95 ޕަސެންޓް މީހުން މއިމިގުރޭޝަނަށް ހާޒިރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އިމިގްރޭޝަންގެ ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަންގެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.