މީރާ

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ބޮޑެތި ވިޔަފާރިތަކުގެ ނަންތައް ހާމަކޮށްފި

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ބޮޑެތި އަދަދުން ޓެކްސް ދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކޮށްފި އެވެ.

މި ގޮތުން މީރާއިން ހާމަކުރި ލިސްޓުގައި، ބޮޑެތި އަދަދުން ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވާ ޖުމްލަ 43 ފަރާތެއްގެ ނަން ހިމެނެ އެވެ.

ބޮޑެތި އަދަދުން ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވަނީ އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުންހުރި ފަރާތްތަކެވެ.

މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޖޫން 30 ވަނަ ދުވަހެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުއާމަލާތުކޮށް ޓެކްސް ބަޔާން ހުށަނާޅާއި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ހަނދާކޮށްދީ، އެ އިލްތިޒާމްތައް އަދާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައްވެސް ތަފާތުކުރުމެއް ނެތި އަޅަމުންގެންދާނެ ކަމަށް މީރާއިން ބުނެ އެވެ.

މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުންވެސް ލަސްނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުންވެސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން ލިސްޓުން އެ ފަރާތުގެ ނަން އުނިކުރެވޭނެ ކަމަށް މީރާއިން ބުނެ އެވެ.