އިޒުރޭލު ސިފައިން ދެކުނު ލުބުނާނަށް -- އަޖުމަ ބެލުމަށް ތައްޔާރުކޮށްފައި އޮތް ފައުޖެއް ގޮވައިގެން އެއްގަމު މަގުން ވަދެގެންފި އެވެ. މިއީ އިޒުރޭލުގެ ދިފާއީ ބާރު، އައިޑީއެފްއިން ބުނާ ގޮތުން ބާރުތައް ކޮންޓްރޯލް ކޮށްފައި އޮތް ފައުޖެކެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ -- ޕެންޓަގަނުން ބުނާ ގޮތުން މެދުއިރުމަތީގައި އިޒުރޭލަށް ކުރިމަތިވެދާނެ ކޮންމެ ކަމަކަށް އެމެރިކާ އެހީތެރިވެ އެއްބާރުލުން ދޭނެ އެވެ. އަދި އެއްގަމުން މަގުން ލުބްނާނަށް އަރައިގަތުމަށް އެމެރިކާ ތާއީދު ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު ސިފައިން ބާރުގަދަ ހަތިޔާރު ބޭނުންކުރަން ފަށާނީ ހިޒްބުﷲގެ ހަނގުރާމަވެރިން ގަދަ ދައްކާ ނަމަ އެވެ. އަދި ހަނގުރާމަވެރިންގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް އިޒުރޭލަށް ލިބޭނަމަ ފަނާކުރަނިވި ހަތިޔާރު ބޭނުންކުރަން ތައްޔާރު ކަމަށްވެސް އޮތީ ބުނެފަ އެވެ.
އައިޑީއެފްއިން ނޫސްތަކަށް ބުނި ގޮތުން އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމުގެ ބޭނުމަކީ ހިޒްބުﷲ ހަނގުރާމަވެރިން ފައްސާލުމެވެ. އަދި އިޒުރޭލުގެ ބޯޑަރު ކައިރީގައި މަގާމުތައް ހަދައިގެން ތިބި ހަނގުރާމަވެރިން ދުރަށް ޖެއްސުމެވެ.
އިޒުރޭލު ސިފައިން ސީދާ ދަތުރުކުރާނީ ހިޒްބުﷲ ހަނގުރާމަވެރިން ތިބި ތަންތަނަށް ކަމަށްވެސް -- އައިޑީއެފްއާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.
އެމެރިކާ އިން ދަނީ ސެޓެލައިޓްތައް ބޭނުންކޮށްގެން ހިޒްބުﷲ ހަނގުރާމަވެރިންނަށް ފާރަލަމުންނެވެ. އަދި މިގޮތުން ހޯދާ މައުލޫމާތު ވަގުތުން ވަގުތަށް އިޒުރޭލު ސިފައިންނަށް ފޯރުކޮށްދެ އެވެ.
މެދުއިރުމައްޗަށް ނަގިލިލައިގެން ތިބި އެމެރިކާ ސިފައިން މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އެއީ އިޒުރޭލު ސިފައިންނަށް އެހީތެރިވުމަށެވެ.
އައިޑީއެފް އިން ބުނާ ގޮތުން އެއްގަމު މަގުން ލުބްނާނަށް ވަދެގަތް ނަމަވެސް އަދި އިތުރު ބައެއް އަވަށްތަކަށް އަރަން ޖެހުނު ނަމަވެސް އާންމުންނަށް ގެއްލުން ދިނުމެއް ނޯންނާނެ އެވެ. އާންމުންގެ މީހަކަށް ގެއްލުމެއް ވާނީ ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ނަމަ ކަމަށްވެސް ބުންޏެވެ.
ހަމާސްގެ ހަނގުރާމަވެރިން ހޯދަން އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގެން ގޮތަށް ހިޒްބުﷲގެ ހަނގުރާމަވެރިން ހޯދަން ލުބްނާނަށް ވަދެގެންފައި ވާއިރު، އާންމު ތަންތަނުގައި ހަނގުރާމަވެރިން ތިބި ނަމަވެސް އިޒުރޭލު ސިފައިން އެ މީހުންނަށް ހަމަލާދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.