ޕްރިމިއާ ލީގް

ލިވަޕޫލުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ލިވަޕޫލް އިން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 0-1ގެ ނަތީޖާއަކުން ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓާފަ އެވެ.

މިއީ މި ފަހަރުގެ ލީގުގައި ލިވަޕޫލް ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ހަވަނަ ފަހަރެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިހާރު ވަނީ ހަތް މެޗުން 18 ޕޮއިންޓް ހޯދައި، ޓޭބަލްގެ އެއްވަނައިގައެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ އާސެނަލް އެވެ.

ސެލްހާސްޓް ޕާކްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ނުވަވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑުޖެހި ފަހުން ޖޮޓާގެ ފަރާތުން ލީގުގައި ފެނުނު ފުރަތަމަ ގޯލެވެ.

ލިވަޕޫލުން ލީޑް ނެގުމުގެ ކުރިން މެޗު ފެށިގެން 22 ވަރަކަށް ސިކުންތުގެ ތެރޭގައި ޕެލަސްގެ ފޯވާޑް، އެޑީ އެންކެޓިއާ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި އެ ލަނޑު ބަލައިނުގެންފަ އެވެެ.

މެޗުގެ ފަހު 15 މިނެޓުގެ ކުޅުމުގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކަރަށް އަނިޔާވެގެން ބަދަލުކުރަންވެސް ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތް ވިޓެސްލާވް ޔަރޯސް ބަލަހައްޓަމުން ދިޔަ ގޯލަށް ޕެލަސްއިން ނުރައްކާ ކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

މި މެޗުން ބަލިވި ޕެލަސްއަށް މިހާތަނަށް ލީގުގައި މޮޅެއް ލިބިފައިނުވާއިރު ތިން ޕޮއިންޓާއެކު އޮތީ 18 ވަނައިގަ އެވެ.

ލީގުގައި ޕެލަސްއަށް ދެން އޮތީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރާ މެޗެވެ. އަނެއްކޮޅުން ލިވަޕޫލުން މި މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.