ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ވަނީ ވިޔަރެއާލްއާ ދެކޮޅަށް 2-0 އިން މޮޅުވެފަ އެވެ.
މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑް ވަނީ ލީގުގައި މެޗަކުން ބަލިނުވެ ކުރިއަށްދާ ރެކޯޑު އިތުރަށް ފުޅާކޮށްފަ އެވެ.
މިހާތަނަށް ކުޅުނު 9 މެޗުގެ ތެރެއިން ރެއާލް މެޑްރިޑް ވަނީ 6 މެޗުން މޮޅުވެ، 3 މެޗު އެއްވަރުކޮށް، ޖުމުލަ 21 ޕޮއިންޓް ހޯދާފަ އެވެ. މިގޮތުން އެ ޓީމު މިވަގުތު ވަނީ ލީގު ތާވަލުގެ ދެވަނައިގަ އެވެ. އެންމެ މަތީގައިވާ ބާސެލޯނާ ވަނީ 8 މެޗުން 21 ޕޮއިންޓް ހޯދާފަ އެވެ.
މި ސީޒަނާއި ކުރީ ސީޒަނާ އެކު ރެއާލް މެޑްރިޑް ވަނީ މެޗަކުން ބަލިނުވެ ޖުމުލަ 41 މެޗު ކުޅެފަ އެވެ. މިއީ ލަ ލީގާގެ ތާރީހުގައި މެޗަކުން ބަލިނުވެ މިހާ ދިގު މުއްދަތަކަށް ރެކޯޑް ދެމެހެއްޓި ދެވަނަ ޓީމެވެ. މި ރިކޯޑުގެ ކުރީގައި އޮތީ ރެއާކްގެ ވާދަވެރި ބާސެލޯނާ އެވެ. ބާސާ އިން ވަނީ 2018 ވަނަ އަހަރު 43 މެޗު ވިދިވިދިގެން ބަލިނުވެ ކުޅެފަ އެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ޖެހީ ފެޑެރީކޯ ވަލްވާޑޭ އެވެ. ދެވަނަ ލަނޑު ޖެހީ ވިނިޝިއަސް ޖޫނިއަ އެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ޑެނީ ކަވަހާލްއަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމަށް ބެލެވެ އެވެ.
ކޯޗް ކާލޯ އެންޗެލޮއްޓީ ބުނީ ކަވަހާލްއަށް ލިބުނު އަނިޔާއަކީ ކޮބައިކަން އިތުރަށް ބަލަން ޖެހޭ ކަމަށާއި، މިފަދަ އަނިޔާތައް ލިބެނީ ގިނަ މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ކަވަހާލްއަކީ ރެއާލް މެޑްރިޑަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް ކަމަށްވެސް އޭނާ ބުންޏެވެ.