ބައްސާމް އަދީލް ޖަލީލް

އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް އިތުރު މުއްދަތު ދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ހުޅުމާލޭގެ އަމީން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް އިތުރު މުއްދަތު ދީފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އެ އެޕާޓްމަންޓާ ފުލުހުންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް އެޕާޓްމަންޓް ހުސްކުރުމަށް މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުން ސިޓީއަކުން އެދިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ ބައްސާމުގެ އެ ސިޓީއަށް ޖަވާބެއް ދިނުމުގެ މަސައްކަތް އޭރު ކުރަމުންދާ ކަމަށެވެ. އޭގެފަހުން ފުލުހުން މިރޭ ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ ބައްސާމު ފޮނުވި ސިޓީގައިވާ ހާލަތަށް ރިއާޔަތްކޮށް ސިޓީގައި އެދިފައިވާ މުއްދަތަށް ތަން ހުސްކުރުމަށް ފުރުސަތު ދީފައިވާ ކަމަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.