މުހައްމަދު އަމީން

އުސޫލާ ހިލާފުވާނެ ޖާގައެއް މިހާރު ނޯންނާނެ: އަމީން

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވާނެ އެއްވެސް ޖާގައެއް މިހާރު ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ނިމިގެންދިޔަ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި އުޅަނދު ރަޖިސްޓްރީކުރުމާއި އަދި ލައިސަންސް ދޫކުރުން ފަދަ ކަންކަމުގައި މިނިސްޓްރީގެ އުސޫލާ ހިލާފަށް ފައިސާގެ މުއާމަލާތްތައް ކޮށްގެން އެތައް ގޯހެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ކަމެއް ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި މިނިސްޓްރީން ހިދުމަތް ދިނުމުގައި އުސޫލުން ބޭރު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގައި ވެހިކަލް ރަޖިސްޓަރީ ކުރުމަށް އެކުލަވާލާފައިވާ ގަވާއިދަކީ މި ދުވަސްވަރަށް ފެތޭ ގަވާއިދެއް ނޫން ކަމަށާއި ގަވާއިދަށް ބަދަލު ގެނައުމަށްފަހު 10 ވަރަކަށް ދުވަހުގެ ތެރޭގައި އާ ގަވައިދު ގެޒެޓުކުރާނެ ކަމަށެވެ.

މިނިސްޓަރު ވަނީ ބްލެކް މާކެޓުގައި އަގުބޮޑުކޮށް ގިނަ ފަރާތްތަކަކުން ގަރާޖު ސިޓީ ގަންނަ މައްސަލަވެސް ފާހަގަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދުތައް އިތުރަށް ތޮއްޖެހެން މެދުވެރިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ވަނީ ކާރު ރަޖިސްޓްރީ ކުރާއިރު ގަރާޖު ފިޒިކަލީ ޗެކުކުރުން ފަދަ މަސައްކަތްތައް ކުރަން ފަށާފައި. މިއާއެކު މާލޭގައި ޓްރެފިކް ބޮޑުވުމުގެ މައްސަލައާއި ގާނޫނާ ހިލާފަށް ކާރު ރަޖިސްޓްރީ ކުރުމުގެ މައްސަލަ ހައްލު ވެގެންދާނެ،" އަަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ޕާކިން އިމާރާތްތަކުގެ މަސައްކަތް ނިމުމުން ގާނޫނާ ހިލާފަށް ގަރާޖު ސިޓީ ހޯދާ ފަރާތްތަކަށް އުޅަނދުތައް ގާނޫނުގައި އޮންނަ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޕާކިން އިމާރާތުގައި ހުންނަ ސްލޮޓްތަކަށް ގަރާޖު ސިޓީ ނެގޭނެ ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ޕާކިން އިމާރާތުގައި 3،920 ކާރު ޕާކިން ޖާގައާއި 3،426 ސައިކަލު ޕާކިން ޖާގަ ހިމެނެ އެވެ. މި ސްލޮޓުތަކުގެ ތެރޭގައި ވިޒިޓާ ޕާކިން ޖާގައާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން ޖާގަ ވެސް ހިމެނެ އެވެ.