އިޒުރޭލަށް އަމާޒުކޮށް 2000 މިސައިލް ތައްޔާރީ ހާލަތުގައި ބަހައްޓާފައިވާ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހޮސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.
އިރާނުގެ ސަރުކާރާ ގުޅުންހުރި ސޯޝަލް މީޑިއާ އެކައުންޓެއްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިޒުރޭލުން އިރާނަށް ހަމަލާދޭން އުޅޭކަމުގެ އިންޒާރުތަކަކާ ގުޅިގެން މި ފިޔަވަޅު އަޅާފައިވަނީ ރައްކާތެރިކަމުގެ ގޮތުންނެވެ.
މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މިސައިލްތައް އަމާޒުކޮށްފައިވަނީ އިޒުރޭލުގެ އެންމެ މުހިއްމު ސްޓްރެޓެޖިކް ތަންތަނަށް ކަމަށެވެ. އަދި އިޒުރޭލުން އެއްވެސް ކަހަލަ ހަމަލާއެއް ދޭން އުޅެފިނަމަ މި މިސައިލްތައް ދޫކޮށްލާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.
އިޒްރޭލުން ބުނެފައިވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި ޣައްޒާ އާއި ލުބުނާނަށް ހަދާލިހެން އީރާން ހަލާކުކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް އައިއިރު އިޒްރޭލުން އެފަދަ ހަމަލާއެއް އީރާނަށް ދީފައެއް ނުވެ އެވެ. އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަން އިޒްރޭލުން ބޭނުން ނުވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
އީރާނަށް އެއްވެސް ހަމަލާއެއް ނުދިނުމަށް އެމެރިކާ އާއި ހުޅަނގުން ދަނީ އިޒްރޭލަށް ނަސޭހަތްތެރިވަމުންނެވެ. އިރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަން ހުޅަނގުން ވެސް ބޭނުމެއް ނުވެ އެވެ.
އިޒުރޭލުން އިރާނަށް ހަމަލާއެއް ދިނުން ލަސްވަނީ އިރާންގެ ދިފާއުގައި ރަޝިއާ ނިކުމެދާނެ ކަމަށް ބެލެވޭތީ ކަމަށް މުރާލިސުން ބުނެ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާދީފިނަމަ ރައްދު ހަމަލާތައް މާބޮޑަށްވެސް ވަރުގަދަ ވާނެ ކަމަށް އީރާނުން ބުންޏެވެ. އީރާނަށް ހަމަލާދިނުމުގައި އިޒްރޭލަށް އެއްވެސް ގައުމަކުން ވާގިވެރިވެއްޖެނަމަ އެ ގައުމަކަށް ހަމަލާދޭނެ ކަމަށްވެސް އީރާނުން ބުނެފައިވެ އެވެ.