ދުނިޔެ

އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާންގެ މިސައިލް ޕްރޮގްރާމް އެއްއަހަރު ފަހަތަށް

އިޒުރޭލުން މި މަހު 26 ގައި އީރާނަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އީރާންގެ މިސައިލް ސިނާއަތް އެއް އަހަރު ފަހަތަށް ޖައްސާލެވިއްޖެ ކަމަށް އިޒުރޭލު ސަރުކާރުން ބުނެފި އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން އިޒުރޭލުގެ އަސްކަރީ ފައިޓަރު ނެޓުތަކުން އީރާނަށް ހަމަލާދިނީ ސީދާ އަމާޒަށެވެ. އެއްވެސް ހަމަލާއެއް އަމާޒުން ކަޓައި ނުބައި ތަނަކަށް ވެއްޓިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލު ބުނާ ގޮތުން އެެ މީހުންގެ ހަމަލާތައް އަމާޒުކުރީ އީރާންގެ އަސްކަރީ މަރުކަޒުތަކަށެވެ. އަދި އެ މަރުކަޒުތަކަކީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ތަންތަން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، ސެޓެލައިޓް ފޮޓޯތައް ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުން އިޒުރޭލުން ހަމަލާދިނީ އިރާނުން ކުރިން ބޭނުންކުރި ކާރުޚާނާތަކަކަށެވެ. އެއީ މިހާރު ބޭނުންކުރާ ކާރުޚާނާތަކެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީވީ ޚަބަރު ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ހަމަލާދިނީ އީރާނަށް ބޮޑު ގެއްލުމެއް ނުވާ ގޮތް ބަލައިގެންނެެވެ. އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާނަށް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިޒުރޭލު ގަބޫލުކުރާ ގޮތުން ހަމަލާދިނީ އީރާންގެ ބެލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކަށެވެ. އިޒުރޭލުގެ ހަމަލާތަކުގެ މޮޅުކަމުގެ ވާހަކަތައް ލައިވް ޓީވީތަކުގައި ވެސް އެ ގައުމުގެ ވެރިން ދައްކާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.