ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.
ދެ ބޭފުޅުންގެ މިބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފަ އެވެ.
މޯދީއާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ކުރިން އިންޑިއާ އިން ވަނީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް އެ ގައުމުން ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ.
މިރަސްމިއްޔާތު ކުރިއަށް ދިޔައީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ. މިރަސްމިއްޔާތުގައި ވަނީ ރައީސް މުއިއްޒުގެ ޝަރަފުގައި 20 ބަޑީގެ ސަލާމެއްވެސް އަރުވާފަ އެވެ.
ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އިއްޔެ އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްގެ ރަސްމީ ދައުވަތަކަށެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔަތަށް މިއަހަރުގެ ޖޫން ނުވަވަނަ ދުވަހުވެސް ރައީސް އިންޑިއާއަށް ވަޑައިގެންނެވި އެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ނިއުދިއްލީގެ އިތުރުން މުމްބާއީ އާއި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.