އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް މިކަން އާންމުކޮށް އިއުލާން ކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ފުރަތަމަ ދަތުރުފުޅުގައި މިއަދު މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަން ފާހަގަކުރެއްވުމަށް މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާ ކަމަށެެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މޯދީ އަދި ރާއްޖެއަށް ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް މޯދީ ކުޑަ ވަގުތު ކޮޅަކަށް ރާއްޖެ ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒުގެ ދައުވަތާ ގުޅޭގޮތުން މޯދީވެސް އިންޑިއާ ސަރުކާރުންވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން ވަނީ އާންމު ހާލަތަކަށް އައިސްފަ އެވެ.