ހަބަރު

މަޝްވަރާ ކުރަން ނިންމީ ސީމެގުން އަންގައިގެނެއް ނޫން: ޝައިނީ

ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރަން ނިންމީ ކޮމަންވެލްތު އެކްޝަން ގްރޫޕް (ސީމެގް) އިން އެންގީމައެއް ނޫން ކަމަށް ފިޝރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ފަރާތުން ޕާޓީތަކާއި އެކު ކުރާ މަޝްވަރާތަކުގެ އިސްކޮށް ހުންނަވާ، ޝައިނީ މިހެން ވިދަޅުވީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ނިންމީ ސީމެގްއާއި ސަރުކާރާއި އެކު ދިޔަ މަޝްވަރާގައި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް އެނގުމުން ކަމަށް ބުނަމުންދާތީ އެވެ. ޝައިނީ ވިދާޅުވީ ބައެއް ފަރާތްތަކުން މިހެން ބުނަމުން ދިޔަ ނަމަވެސް މަޝްވަރާ ކުރަން ނިންމީ ސީމެގުން އަންގައިގެން ނޫން ކަމަށާއި ސީމެގުން އެންގުމުގެ ކުރިން ވެސް ސަރުކާރުން ވާނީ މަޝްވަރާތަކަށް ޕާޓީތަކަށް ގޮވާލާފަ ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމުގައި އެންމެ ބާރުމިނުގައި މިކަން ކުރިޔަށް ގެންދިޔުމަށް އަދި ރައްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން. އެހެންވެ އެކަން ކަމަށް އަޅުގަނޑުމެން މި ގޮވާލަނީ. އެގޮތަކަށް ވެސް ސީމެގު އޮވެގެން ކުރާ ކަމެއް ނޫން" ޝައިނީ ވިދާޅުވި އެވެ.

ސީމެގް އިން ވަނީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ވަކި ގޮތެއް ނުނިންމައި މަހެއްހާ ދުވަސް ތެރޭގައި ބައެއް ކަންކަން ސަރުކާރުން ކުރަން ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމާއި ސިޔާސީ ލީޑަރުން މިނިވަން ކުރަން ހިމެނެ އެވެ.