ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

އދ. ގެ ވަފުދު ޝައިނީއާ ބައްދަލުކޮށްފި

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނި ކުރަން މިހާރު އައިސް އުޅޭ ޔޫއެންގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ބައްދަލުކޮށްފި އެވެ.

ޕާޓީތަކާއެކު ބާއްވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހުންނަވާ މިނިސްޓަރު ޝައިނީއާ އދ. ގެ ވަފުދުން ބައްދަލު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެގޮތުން ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ބެހޭ ގޮތުން އެ ވަފުދުގެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އދ. ގެ ވަފުދުން ވަނީ އިދިކޮޅު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާ ވެސް ބައްދަލުކޮށްފަ އެވެ. އެގޮތުން ޕާޓީތަކުން ވަނީ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އެ ވަފުދާ ހިއްސާކޮށްފަ އެވެ.

ރާޖޭގައި މިހާރު އޮތް ސިޔާސީ ނުތަނަވަސްކަމުގެ މައްސަލަ ހައްލު ކުރުމަށް އެހީތެރިވުމަށް އދ. ގެ ވަފުދުން ރާއްޖޭއަށް ކުރީ ތިން ދުވަހުގެ ދަތުރެކެވެ. އެގޮތުން ސަަރުކާރާއި ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލު ކުރާނެ ކަމަށް ވެސް އެ ވަފުދުން ބުންޏެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން މިއީ ބޭރުގެ ވަފުދެ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ނަމަވެސް އދ. އިން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ކުރި އަމުރަކާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރުން އެ ހާލަތު އުވާލި ނަމަވެސް ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމާއެކު، އދ. މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ.