ހަބަރު

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރާނެ: ޝައިނީ

އިދިކޮޅު ބައެއް ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ކުރި ކެމްޕެއިންގެ ސަބަބުން އދގެ ސަލާމަތީ މަޖިލީހުގައި މާދަމާ ނަގާ ވޯޓަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް ރާއްޖެއަށް އެކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ހުސްވާ އޭޝިޔާ ޕެސިފިކްގެ ގޮނޑިއަށް ރާއްްޖެއިން ވާދަ ކުރާ އިރު އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މާދަމާ އޮންނާނެ އެވެ.

އެކަމާ ބެހޭ ގޮތުން އެމެރިކާގެ ނިއުޔޯކުގައި ހުންނަވައިގެން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އޮންނަ ފަރަގު ކުޑަ ކުރުމުގެ ގޮތުންނާއި ރާއްޖެ މިހާރު އޮތް ހިސާބުން އިތުރަށް ކުރިޔަށް ގޮސް ބައިނަލްއަގުވާމީ ގޮތުން ބަސް ބުނެވޭ ފެންވަރުގެ ގައުމަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ ގޮނޑި ހޯދަން ސަރުކާރަށް މި ވަގުތު ވަރަށް މުހިންމުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން އެ ގައުމުތަކާ ވާހަދައްކާ، ކުރެއްވި އެންޓި ކެމްޕެއިންގެ ސަބަބުން ބައެއް ވޯޓު ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށާއި އެ މީހުންގެ ވާހަކަތައް ވެސް ބައެއް ގައުމުތަކުން އަޑު އަހާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބައްދަލު ކުރި ބައެއް ގައުމުތަކުން ބުނި އިދިކޮޅު ފަރާތްތަކުން ރާއްޖެއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް، އެ މީހުން ސިފަ ކުރަނީ ރާއްޖެއަކީ ބިރުވެރިތަނެއް ކަމަށް، އަދި ބާރު ލިބިއްޖެ ނަަމަ އެހެން ގައުމުތަކަށް ނުރައްކާ ވާނެ ކަމަށް، އެކަން ކުރެއްވީ ކުރީގެ ނައިބު ރައީސްއަކާއި ކުރީގެ ފޮރިން މިނިސްޓަރެއް، އެހެންވެ އެ މީހުންގެ ވާހަކަތައް ވެސް އަޑު އަހާނެ ބައެއް ގައުމު ތިބޭނެ،" ޝައިނީ ވިދާޅުވި އެވެ.

ބައެއް ގައުމުތަކުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް އަޑު އެހުމަށް ފަހު ވޯޓު ނުދޭން ނިންމައިގެން ތިބި ކަމަށް ޝައިނީ ވިދާޅުވި އެވެ. ނަމަވެސް ގިނަ އަދި ޔޫރަޕުގެ ބޮޑެތި ގައުމުތަކުން ވެސް ރާއްޖެއާ މެދު ވަރަށް ރަނގަޅު ގޮތަކަށް ދެކި ރާއްޖެއާ އެއްކޮޅަށް އަރާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އެގޮތުން އެ ގޮނޑި ކާމިޔާބު ކުރުމަށް ސަރުކާރުން 190 ގައުމަކާ އެތަށް ފަހަރެއްގެ މަތިން ބައްދަލުކޮށް ވަރަށް ފުރިހަމަ ކެމްޕެއިންއެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހު މާދަމާ ނަގާ ވޯޓު ކާމިޔާބުވުމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށާއި އެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ ފަލީހަތްކޮށް ދިވެހިންނަށް ލިބެން އޮތް ކަމެއް އިދިކޮޅު ފަރާތްތަކުންް އަތުލައިގަންނަން އުޅުނަސް އުންމީދު ވަރަށް ބޮޑު، އަޅުގަނޑުމެން މި ވޯޓު ކާމިޔާބު ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރާ އިރު އެ ޖަމާއަތުގެ މުހިންމު ކޮމިޝަންތަކުން މިހާތަނަށް ރާއްޖެއާ ގުޅޭ ގޮތުން ގިނަ ނިންމުންތަކެއް ނިންމައި ކަންކަން އިސްލާހު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ގިނަ ކަންކަމަށް ސަރުކާރުން ވަނީ އަމަލު ކުރަން ދެކޮޅު ހަދައިފަ އެވެ.

ޝައިނީ ވިދާޅުވީ އެއްވެސް ގައުމަކީ އެންމެ "ކްލީން ޕްލޭޓެއްގައި" އޮންނާނެ ގައުމެއް ނޫން ކަމަށާއި ކުރި އަރަމުން އަންނަ އިރު އެފަދަ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ގޮނޑި މުހިންމު ވަނީ ވެސް އެހެންވެ ކަމަށާއި ކުދި ގައުމުތަކާ މެދު އަމަލު ކުރާ ގޮތް ތަފާތު ކުޑަ ކުރުމުގެ ގޮތުން ވެސް އެ ވޯޓު މުހިންމުވާ ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ފަސް މެންބަރުންގެ އިތުރުން އިތުރު ނަން ޕާމަނަންޓް 10 ގައުމެއް ވެސް ހިމެނެ އެވެ. ނަމަވެސް ކޮންމެ ދެ އަހަރަކުން އެ މެންބަރުން ބަދަލުވާނެ އެވެ. އެގޮތުން ރާއްޖެއިން ކުރިމަތިލާފައި ވަނީ 2019 އަދި 2020 ވަނަ އަހަރަށެވެ. ރާއްޖެއާ އެކު ދެން އެ ގޮނޑިއަށް މި ސަރަހައްދުން ވާދަ ކުރަނީ އިންޑޮނޭޝިޔާ އެވެ.