ހަބަރު

ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން އަނެއްކާވެސް ދައުވަތުދީފި

  • ރައީސް މައުމޫނަށް ވެސް ދައުވަތު ދިން
  • ސަރުކާރާ ގުޅިފައިވާ ޕާޓީތައް ވެސް ބައިވެރިވޭ
  • މަޝްވަރާތަކުގައި އެއްވެސް ޝަރުތެއް ނެތް

އެއްވެސް ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަޝްވަރާ ކުރަން ސަރުކާރުން އަނެއްކާވެސް ގޮވާލައިފި އެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކަށާއި ރައީސް މައުމޫނަަށް ވެސް މަޝްވަރާތަކަށް ވަޑައިގެންނެވުމަށް އެދި ކުޑަ އިރުކޮޅެއް ކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މަޝްވަރާއަށް ސަރުކާރުން މި ފަހަރުވެސް ކަނޑައަޅާފައިވާ އިސް މަންދޫބަކީ މިނިސްޓަރު ސައިނީ އެވެ. އެހެންވެ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގަންނަވާ މަންދޫބުގެ ގޮތުގައި ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އަލުން ދައުވަތު ދިނީ އިހުލާސްތެރިކަމާ އެކު މަޝްވަރާތަކުގައި ބައިވެރިވާން އިދިކޮޅުފަރާތްތަކުން ތައްޔާރަށް ތިބި ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"މިފަހަރު އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް އެއްވެސް ބޭފުޅަކު ނުދައްކަވާ. އިދިކޮޅު ފަރާތްތަކުންވެސް އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް ނުދައްކަވާ. އެކަމަކު ގެންނަން ޖެހޭ އިސްލާމީ ބަދަލުތަކެއްގެ ވާހަކަ މި ދައްކަވަނީ. އެހެންވީމާ އެ އިސްލާހީ ބަދަލުތަކުގެ ވާހަކަ ދައްކަވާތީ ސަރުކާރަށް ގަބޫލުކުރެވުނީ އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ޕްރިކޮންޑިޝަންސް ތަކާ ނުލައި މިހާރު އިހުލާސްތެރިކަމާ އެއްކޮށް މީގައި ބައިވެރިވާން ތައްޔާރުވެފައިވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މިފަހަރު އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް ބޭފުޅަކު ނުދައްކަވާ. އިދިކޮޅުން ވެސް ޝަރުތުތަކެއްގެ ވާހަކައެއް ނުދައްކަވާ. އެކަމަކު ގެންނަން ޖެހޭ އިސްލާމީ ބަދަލުތަކެއްގެ ވާހަކަ މި ދައްކަވަނީ. އެހެންވީމާ އެ ބަދަލުތަކުގެ ވާހަކަ ދައްކަވާތީ ސަރުކާރަށް ގަބޫލުކު ރެވުނީ އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ޕްރިކޮންޑިޝަންސް ތަކާ ނުލައި މިހާރު އިހުލާސްތެރިކަމާއެކު ބައިވެރިވާން ތައްޔާރުވެފައިވާ ކަމަށް،
ޑރ. މުހައްމަދު ޝައިނީ | ފިޝަރީޒް މިނިސްޓަރު

އޭނާ ވިދާޅުވީ މަޝްވަރާގެ ފުރުސަތު ސަރުކާރުން ހުޅުވައިލި ފަހުން އެފުރުސަތު އެއްގޮތަކަށް ވެސް ބަންދުކޮށްފައި ނުވާނެ ކަމަށާއި މިފަހަރުވެސް ޖަލު ހުކުމްތަކާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ޝަރުތުތައް އަނެއްކާވެސް އައިސްފި ނަމަ އެއީ އިހުލާސްތެރި މަޝްވަރާއަކަށް ނުވާނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ މަޝްވަރާތަަކަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ދައުވަތު ދެއްވީ އިދިކޮޅު ހަރަކާތްތަކުގައި އެމަނިކުފާނު ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާތަން ފެންނާތީ ކަމަށެވެ.

"... ސިޔާސީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާތަން މި ފެންނަނީ ކުރީގެ ރައީސް މައުމޫނު. އެގޮތަށް ހަރަކާތްތެރިވާތީވެ، ސަރުކާރުން ވަރަށް އޯޕަންކޮށް މިކަންކަން ހަމަ ހައްލު ކުރަން ބޭނުންވާތީ، އިހުލާސްތެރިކަމާ އެއްކޮށް މިކަން ކުރަން ބޭނުންވާތީވެ އަޅުގަނޑުމެން އަނެއްކާވެސް މިފަހަރު ޕާޓީތަކުގެ އިތުރަށް ރައީސް މައުމޫނަށް ވެސް މިދައުވަތު ވާނީ އަރުވާފައި،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އިހުލާސްތެރިކަމާއެކު މަޝްވަރާ ކުރަން ތިބި ކަމަށް ސަރުކާރަށް އިހުސާސްވީ އެފަރާތްތަކުން ދައްކާ ވާހަކަ ތަކުގެ ރާގު ބަދަލުވެ، ޖަލުގައި ތިިބި މީހުން ދޫކޮށްލަން ގޮވައިލުމުގެ ބަދަލުގައި އިސްލާހީ ބަދަލުތަކެއްގެ ވާހަކަ ދައްކާތީ ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދިި ވިދާޅުވީ މަޝްވަރާތަކަށް ގޮވައިލީ ބޭރުގެ އެެއްވެސް ޕްރެޝަރެއް އޮވެގެނެއް ނޫން ކަމަށެވެ.

ޕާޓީ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކަށް ސިޓީ ފޮނުވި އިރު މި މަޝްވަރާތަކުގައި ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޑީއާރްޕީން ވެސް ބައިވެރިވާނެ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރާ ގުޅިފައިވާ ޕާޓީތަކާއެކު ގައުމުގެ މުސްތަގުބަލާ ރައްޔިތުންގެ ލާބައަށްޓަކާ އަމިއްލަ ކަންކަން އެއްފަރާތްކޮށް އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސިޔާސީ މަސްވަރާތައް ހިނގަމުން އަންނަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. އެހެން ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް މަޝްވަރާތަކެއްގައި ކާމިޔާބީއަކާ ހަމައަށް ދެވިފައެއް ނުވެއެވެ.