ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

ލީޑަރުން ދުލެއް ނުކުރެވޭނެ، މަޝްވަރާ ކުރެވޭނެ: ސަރުކާރު

ޖަލުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ނުކޮށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވީ ނަމަވެސް އެ ޕާޓީތަކަށް ސަރުކާރުން ހުޅުވާލި މަޝްވަރާގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް މަޝްވަރާއަށް ސަރުކާރުގެ ފަރާތުން ކަނޑައަޅުއްވާފައިވާ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝައިނީ މިއަދު ހެނދުނު ވިދާޅުވީ، މަޝްވަރާގައި ބައިވެރިވާން ހަތް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ޕާޓީއަކުން އިޖާބައެއް ދީފައިނުވާ ކަމަށެވެ. ނަމަވެސް ޕާޓީތަކުން ނޫސް ބަޔާނެއް ނެރެ މަޝްވަރާ ކުރަން ނުޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް މަޝްވަރާގެ ކުރިން ޝަރުތު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެ ކަންކަމަކީ ވަކިވަކި ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އިސްކަން ދޭން ޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށެވެ.

"ވަކިވަކި މީހުންގެ މަސްލަހަތު ހިމެނޭ ގޮތަށް ޝަރުތުތައް ކަނޑައެޅުމަށްފަހު މަޝްވަރާގައި އިށީނދެ ކުރާނެ މަޝްވަރާއެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.

ވަކިވަކި މީހުންގެ މަސްލަހަތު ހިމެނޭ ގޮތަށް ޝަރުތު ކަނޑައެޅުމަށްފަހު ކުރާނެ މަޝްވަރާއެއް ނޯންނާނެ،"
ޑރ. މުހައްމަދު ޝައިނީ | ސަރުކާރުގެ މަންދޫބު

ޝައިނީ ވިދާޅުވީ، ލީޑަރުން ދޫކޮށްލުމަށް ގޮވާލި ނަމަވެސް އެއީ ސަރުކާރަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި އެ ބޭފުޅުންނާ ގާނޫނު އަރާ ހަމަކޮށްފައިވަނީ އެ ބޭފުޅުން ކުރައްވާފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. މި ސަރުކާރަކީ ގާނޫނާ ހިލާފު ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުން އެންމެ ބޮޑު ޔަގީން ކަމެއް ރައްޔިތުންނަށް ދީފައިވާ ކަމަކީ ވެސް ގާނޫނާ ހިލާފުވާ ކޮންމެ މީހަކާ ގާނޫނު އަރާ ހަމަކުރުން ކަމަށެވެ. އެ ޔަގީންކަން ދީފައި ވަނިކޮށް ވަކިވަކި މީހުން ދޫކޮށްލުމަށް ގޮވާލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން މަޝްވަރާއަށް ހުޅުވާލައިގެން އޮތީ ވަރަށް އިހުލާސްތެރިކަމާއެކު ކަމާށާއި ކުރިން އިދިކޮޅު ޕާޓީތަކުން ކުރި ބައެއް ޝަރުތުތައް ސަރުކާރުން ފުއްދައިދީފައިވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. ނަމަވެސް މިހާރު އިދިކޮޅު ޕާޓީތަކުން ކުރާ ޝަރުތުތަކުން އެނގެނީ އެ ޕާޓީތަކުގެ އިހުލާސްތެރިކަން ނެތްކަން ކަމަށެވެ.

ޝައިނީ ވިދާޅުވީ، އަދިވެސް މަޝްވަރާއަށް އިދިކޮޅު ޕާޓީތަކަށް ފުރުސަތު އެބަ އޮތް ކަމަށެވެ. ކަންކަން އިސްލާހުކޮށް ހައްލުކުރަން ބޭނުން ނަމަވެސް ކުރަންޖެހޭ ކަމަކީ މަޝްވަރާ ކަމަށެވެ.

"އަދިވެސް މަޝްވަރާއަށް ވަނީ ހުޅުވިފަ، އެ ފުރުސަތު އޮންނާނެ، ކުރިއަށް ދެވޭނީ އެއްބެސްވުންތަކާއި މަޝްވަރާތައް ވެސް ކޮށްގެން
ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުދެކެން، އެހެންވެ ހިޔާލު ތަފާތު މިވަނީ، ހިޔާލު ތަފާތުވާތީ މަޝްވަރާ ކުރަން ޖެހެނީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، މަޝްވަރާކޮށް ހައްލުކުރަން ޖެހޭ ކަމެއް އޮތްނަމަ ސަރުކާރުން އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. ވަކި ލީޑަރު މިނިވަންކުރުމަކީ ގައުމީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ނުދެކޭ ކަމަށާއި ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.