ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިއްރު މަޝްވަރާތަކެއް ސަރުކާރުން ކުރި ކަމަށް، ސަރުކާގެ ސިޔާސީ މަޝްވަރާގައި އިސްވެ ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ހާމަ ކުރައްވައިފި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ބާއްވަން ދައުވަތު ދީފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާއި ގުޅޭ ގޮތުން އިދިކޮޅުން ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީ އާއި ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، ޝައިނީ ވިދާޅުވީ "ބޭރުގެ ބައެއް ފުންނާބު އުސް ބޭފުޅުން" މެދުވެރިކޮށް އިދިކޮޅު އިސް ބޭފުޅުންނާއި ސަރުކާރުން މަޝްވަރާތަކެއް ކުރި ކަމަށެވެ.
އެގޮތުން، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭރު އެންމެ ފުޅާކޮށް މަޝްވަރާ ކުރެވުނީ ރައީސް މުހައްމަދު ނަޝީދާއެކުގައި ކަމަށް ވެސް ޝައިނީ އެއްބަސްވެ ވަޑައިގެންނެވި އެވެ.
ރައީސް ނަޝީދަކީ ޖަލުގައި ހުންނެވުމަށް ފަހު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ރާއްޖެ ވަޑައި ނުގެން އިނގިރޭސި ހިމާޔަތް ހޯއްދަވައިގެން އެ ގައުމާއި ސްރީލަންކާގައި އުޅުއްވާ ބޭފުޅެކެވެ. އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގައި އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދުނީ ރާއްޖެއަށް އިންޑިއާގެ މިލިޓަރީ އައުމަށް ނަޝީދު ދިވެހި ރައްޔިތުންގެ ނަމުގައި ގޮވާލި ގޮވާލެއްވުމަކާ ގުޅިގެނެވެ.
"ފުންނާބު އުސް ބޭރުގެ ބައެއް ބޭފުޅުން މެދުވެރިކޮށް އަޅުގަނޑުމެން އިދިކޮޅު އިސްވެރިންނާއި ވަކިވަކިން މަޝްވަރާ ކުރިން. އެގޮތުން އޭރު އެންމެ ފުޅާކޮށް މަޝްވަރާ ކުރެވުނީ ރައީސް ނަޝީދާއި އެކު،" ޝައިނީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ނަޝީދު އޭރު ނަޝީދު ސަރުކާރާއެކު ވާހަކަތައް ދެއްކެވީ އިދިކޮޅު ފަރާތްތަކުގެ ހުއްދަ އާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވެފައި ކަމަށާއި އެ މަޝްވަރާގައި ކަފާލާތުގެ އުސޫލުގެ ތެރެއިން ފަނޑިޔާރުންނާއި އެހެން ކުށްވެރިން ދޫކޮށްލަން ވެސް ހުށަހެޅުއްވެވި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭރު ކުރެވުނު މަޝްވަރާތައް ސިއްރު ކުރުމަށް ވެސް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ނަޝީދު ހުށަހެޅުއްވި ބައެއް ކަންކަމަށް ސަރުކަރުން އެއްބަސްވެ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެޖެންޑާއަކާއި ހަމައަށް ދެވުނު ކަމަށެވެ. އެވާހަކަތަކުގައި ސަރުކާރާއި ނަޝީދާއި ދެމެދު ޑޮކިއުމެންޓްތަކެއް ވެސް ބަދަލު ކުރެވުނު ކަމަށާއި އޭގެ ޗެޓް ލޮގްތައް ހުރި އިރު މި މަޝްވަރާތައް ސިއްރުން ހިނގިކަން އދ. އާއި އީޔޫއަށް ވެސް އެނގިފައި އޮންނާނެ ކަމަށް ޝައިނީ މިއަދު ކަށަވަރު ކޮށްދެއްވި އެވެ.
"ޑޮކިއުމެންޓްތަކެއް ބަދަލު ކުރެވުނު. އޭގެތެރޭގައި ހުރި ކޮންޑިޝަންތަކެއް ވާހަކަދައްކައިގެން ބަދަލު ކުރެވި އެޖެންޑާއަކާއި ހައަމަށް ވެސް އަޅުގަނޑުމެންނަށް އާދެވުނު. ހުރިހާ ބޭފުޅުން ބައިވެރިވާކަން ޔަގީން ކޮށްދޭން އަޅުގަނޑުމެން އެދުނިން. ދެން އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ ހުރިހާ ބޭފުޅުންގެ ބައިވެރިވުން އެބައޮތޭ. މިކަން ކުރިއަށް ގެންދާނީ ހުރިހާ ބޭފުޅުން ތިއްބަވައިގެނޭ. ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވޭ، "ޝައިނީ ވިދާޅުވި އެވެ.
"އެއީ ކޮން ފަރާތްތަކެއް ކަމެއް ނޭނގޭ ގޮތަށް، މަޝްވަރާ ސީދާ ކުރަނީ ކޮން ފަރާތަކާކަމެއް ހާމަ ނުކޮށް އެކަން ވާނީ އީޔޫ އަދި ޔޫއެން އަށްވެސް ދަންނަވާފައި، އެއްބަސްވުމަކާ ހަމައަށް އާދެވެންދެން އެކަމާ ގުޅޭގޮތުން އެެއްވެސް އެއްޗެއް ހާމަ ނުކުރަން އެއްބަސްވެފައިވަނީ، ނަމަވެސް އެ އެއްބަސްވުން އުވުނީ،"
ސިއްރުން ހިނގި އެ މަޝްވަރާތަކުގެ ވާހަކަތައް ސަރުކާރުން މިވަގުތު އާންމުކޮށްލީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ޕްރެސް ކޮންފަރަންސް މިދިއަ ފެބުރުއަރީ 15 ގައި ބާއްވައި އޭގެ ބައެއް ކަންކަން އާންމުންނަށް ހާމަކޮށް އެއްބަސްވުން އުވުމުން ކަމަށް ޝައިނީ މިއަދު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، މަޝްވަރާ ތަކަށް އެންމެ ފުރަތަމަ ހުށަހެޅިގެން ދިޔަ ޑޮކިއުމަންޓް ތަކަކީ ފަނޑިޔާރުން ދޫކޮށްލުމުގެ ވާހަކަތައް ހިމެނުން ކަމަށާއި އެކަމަށް ހުށަހެޅި ޑޮކިއުމަންޓްތައް ވެސް އެބަހުރި ކަމަށެވެ. އެކަން ހިއްސާ ކުރަން ޖެހޭ ހިސާބަށް ދިއުމުން ހިއްސާ ކުރާނެ ކަމަށެވެ. މަޝްވަރާގައި ނަޝީދު އެދި ވަޑައިގެންނެވި ކަންކަމަކީ ސަރުކާރުގެ ބާރު ފޯރުވެން އޮތް ކަމެއް ނޫން ކަމަށާއި އެހެން ކަމުން އެއްވެސް މީހަކު ދޫކޮށްލަން އެއްބަސް ނުވެވޭނެ ކަމަށް ދެންނެވި ކަމަށް ވެސް ޝައިނީ މިއަދު ވިދާޅުވި އެވެ.
"މި ސަރުކާރަކީ ކޯޓުތަކަށް އަތް ބާނައި ކަންކަން ނިންމާ ސަރުކާރެއް ނޫން، އެކަމަށް މަޝްވަރާ ކުރެވިދާނެ އެކަމަކު އެއީ ސިޔާސީ ހުރިހާ ޕާޓީ ތަކާއެކު، ސަރުކާރުން ކޯޓުގެ ތެރެއަށް އަތް ބާނައިގެން އެއްވެސް ކަމެއް ކުރާކަށް ނޫޅޭ، ނަމަވެސް ކަންކަން އަވަސް ކުރުމަށް އެދިފައިވާނެ، އެކަން އެންމެ ފަހުންވެސް ކޮށްފައިވާނީ ޕާޓީ މަޝްވަރާ ތަކުގެ ތެރެއިން، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިމްރާންގެ ޝަރީއަތް، އަވަސް ކޮށްދިނުމަށްއެދި، އެކަން އަވަސް ކޮށްދިނުމަށް ކޯޓުތަކަށް ރައީސް ވަނީ ސިޓީ ފޮނުވާފައި،" ޝައިނީ ވިދާޅުވި އެވެ.
ސިއްރު މަޝްވަރާއާ ގުޅިގެން ނޫސްވެރިއަކު އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ، ރައީސް ނަޝީދަކީ ކުށްވެރިއެއް ކަމަށްބުނެ ކުރިން މަޝްވަރާ ނުކުރަން ބުނި ނަމަވެސް ފަހުން ރައީސް ނަޝީދާއެކު މަޝްވަރާ ކުރަން ތައްޔާރަށް ތިބިކަން މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން މާލެ ވަޑައިގަތުމުން ޖަލަށް ގޮސް މަޝްވަރާ ކުރުމަށް ވެސް ތައްޔާރަށް އޮތްކަން ކުރިން ހާމަކޮށްފައިވާނެ ކަމަށެވެ.
އަދި އެކަން އޭރު އެގޮތަށް ކުރަން ނިންމީ ވެސް އިހުލާސްތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ބުނާ ސިޔާސީ މައްސަލަތައް ހައްލު ކުރުމަށާއި ސިޔާސީ ގޮތުން ސަރުކާރާއި ގުޅިފައިވާ ޕާޓީތައް އެކަންކަން ހެޔޮ ނިޔަތެއްގައި ކުރަން ބޭނުން ވެގެން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
"އެއްވެސް ނިންމުމެއް ނުނިންމޭނެ ހުރިހާ ޕާޓީތައް އެއްބަސްވާ ގޮތަކަށް ނޫނީ، ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް މީގެ ކުރިން ވަނީ ކޮށްދެއްވާފަ، އެކަމަކީ ސަރުކާރުން ކޮށްދެވޭ ވަރުގެ ކަންކަންވީމަ،" ޝައިނީ ވިދާޅުވި އެވެ.
މަޝްވަރާގައި އދ. ބައިވެރިވުން ބޭނުން ނުވާ ކަމަށް ދެކެވުނު ވާހަކަތަކަށް އަލި އަޅުވާލައި ޝައިނީ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނާއި އދ. އާ ދޭތެރޭ ފޯން ކޯލެއް ކުރެވުނު ކަމަށާއި އެ ކޯލް ކުރެވުނު ތާރީހު ހަނދުމަފުޅުގައި ނެތް ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި އދ. ބައިވެރިވުމަށް ސަރުކާރުން ސުވާލު އުފައްދާފައި ނުވާނެ ކަމަށާއި އެއްވެސް އިރެއްގައި އދ. ބައިވެރިވުން ނޯންނާނެ ވާހަކައެއް ވެސް ބުނެފައި ނުވާނެ ކަމަށެވެ. އދ. ބައިވެރިވުމާއެކީގައި މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބި ކަމަށް އދ. އަށް ދަންނަވައިގެން، އެކަން ކުރިއަށް ގެންދާ ކަމަށާއި އެކަމަށް އިސް ނެގީވެސް ރައީސް އަބްދުﷲ ޔާމީން ކަމަށް ޝައިނީ މިއަދު ވިދާޅުވި އެވެ.