އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތެއް މިއަދު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ ކަމަށް ތުހުމަތު ކުރެވި، ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ މައްސަލަ އޮތީ މިއަދު ހެނދުނު 9:00 ޖަހާއިރު އެވެ.
މި މައްސަލައިގެ އަޑު އެހުމެއް މިއަދު މި ބޭއްވެނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ފަހުންނެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުމެއް އޮތީ މޭ މަހުއެވެ.
މޭ މަހު އޮތް ޝަރީއަތުގެ އަޑު އެހުމަށް ފަހު ކޯޓުންވަނީ ބައްސާމްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް ބެލެވޭ މޭރުމަކުން ހިޔާލު ފާޅު ނުކުރުމަށް އަމުރުކޮށްފަ އެވެ.
ބައްސާމްގެ ދިފާއުގައި ކްރިމިނަލް ކޯޓުން އެ އަމުރު ކުރީ ބައްސާމްގެ ފަރާތުން ކޯޓުގައި އެކަމަށް އެދުމުންނެވެ.
ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ. އެހެންކަމުން ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އަސަރު ކުރާ ގޮތަށް އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކޮށް ނުހެދުމަށް ކޯޓުން އެ ދުވަހު އަމުރު ކުރި އެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާއިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައްވެސް ތަހުގީގު ކުރަމުންނެވެ. އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓްވެސް ފުލުހުންނާ ހަވާލު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިރޭ 12 ގެ ކުރިން ފުލުހުންނާ އެތަން ހަވާލު ކުރުމަށް ވަނީ ބައްސާމަށް އަންގާފަ އެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ބައްސާމްއާ ދެކޮޅަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.