ބައްސާމް އަދީލް ޖަލީލް

ބައްސާމް މައްސަލައިގެ ބައެއް ހެކި ސިއްރުކުރަނީ

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ހުށަހަޅާ ބައެއް ހެކިތައް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެ އެވެ.

ފީފާއިން 2018 ވަނަ އަހަރު އެފްއޭއެމްއަށް ދިން 9،999 ޑޮލަރު އެ އަހަރުގެ އޯގަސްޓު މަހުގައި ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހިޔާނާތުގެ ކުށުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގައެވެ.

މި މައްސަލައިގެ އަޑު އެހުމެއް ގާތްގަނޑަކަށް ހަތަރު މަސް ފަހުން މިއަދު ބޭއްވިއިރު، ދައުލަތުން އެދުނީ ބޭންކް ސްޓޭޓްމެންޓްތަކެއް ސިއްރު ކޮށްދިނުމަށެވެ. އެއީ ބައްސާމުގެ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ ފައިސާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޖަމާކޮށްފައިވާ އެކައުންޓުތަކުގެ ސްޓޭޓްމަންޓުތަކެވެ.

އެ އެކައުންޓުތަކަކީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 9،999 ޑޮލަރު، ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށްޓައި ފައިސާ ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެ ސްޓޭޓްމަންޓްތައް ސިއްރުކުރަން އެދުނީ އެ ހެކިތައް ދިފާއަށް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއަށް އެތަކެތި ފެތުރިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ. އެ ހެކިތައް ސިއްރުކުރި ނަމަވެސް ކޯޓުގައި ދައުލަތުގެ ހާޒިރުގައި ދިފާއަށް ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުން އެއްބަސްވެފައިވެ އެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާއިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައްވެސް ތަހުގީގު ކުރަމުންނެވެ. އެފްއޭއެމްގެ ފައިސާ އިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓްވެސް ފުލުހުންނާ ހަވާލު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިރޭ 12 ގެ ކުރިން ފުލުހުންނާ އެތަން ހަވާލު ކުރުމަށް ވަނީ ބައްސާމަށް އަންގާފަ އެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ބައްސާމްއާ ދެކޮޅަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.