އުތީމު ޔުނިޓީ ކަޕުގެ ސެމީ ފައިނަލަށް އެ ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ފައިނަލަށް ދިޔައީ މިއަދު ހަވީރު މި ދެ ޓީމު ކުޅުނު 1-0އިން ކައުންސިލް ކާމިޔާބު ކުރުމުން ތިން ޓީމު ވާދަކުރި ގްރޫޕް އޭގެ ފުލަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ވެއްޓުމުންނެވެ.
މޮޅުވެގެން ސެމީ އަށް ދިއުމުގެ ފުރުސަތު އޮތް ކައުންސިލް ޓީމަށް މިއަދުގެ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރިޝްވާން ރަޝީދެވެ. މިއީ އޭނަ މުބާރާތުގައި ޖެހި ދެ ވަނަ ލަނޑެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ގްރޫޕް ބީން ދާނެ ދެ ޓީމު ކަށަވަރުވާނީ އުތީމު ކޯޓާއި ގާޒީ ބަންޑާރައިންގެ ސްކޫލް މާދަމާ ކުޅޭ މެޗު ނިމުމުންނެވެ. މި ގްރޫޕުން ސެމީގެ ފުރުސަތު އެންމެ ބޮޑީ ކޯޓާއި ސިއްހީ މަރުކަޒަށެވެ.
ގްރޫޕް ބީގެ އެއްވަނާގައިވަނީ ތިން ޕޮއިންޓާއެކު ކޯޓެވެ. ދެ ވަނަ ލިބެނީ ތިން ޕޮއިންޓާއެކު ސިއްހީ މަރުކަޒަށެވެ. ތިން ވަނާގައި ގާޒީ ބަންޑާރައިންގެ ސްކޫލް އޮތީ ޕޮއިންޓެއް ނުލިބި އެވެ. މިހެންވުމުން އަނެއް ދެ ޓީމަށްވުރެ ގާޒީ ބަންޑާރަ ސްކޫލަށް ސެމީގެ ފުރުސަތު ތަނަވަސްކުރަން ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހެ އެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ކޯޓު އަތުން ތަފާތު ބޮޑުކޮށް މޮޅުވާން ޖެހޭތީ އެވެ.
މިވަގުތު ޓޭބަލުގައި ގޯލުގެ ފަރަގު ހުރި ގޮތަކަށް ބަލާއިރު ކޯޓަށް ފައިދާ ހަތަރު ގޯލު، ސިއްހީ މަރުކަޒަށް ގެއްލުން އެއް ގޯލު އޮތްއިރު ސްކޫލަށް އޮތީ ގެއްލުން ތިން ގޯލެވެ. މިހެންވެ ސިއްހީ މަރުކަޒަށްވުރެ ގޯލުގެ ގޮތުން ކުރި ހޯދުމަށް ސްކޫލަށް މަދުވެގެން ތިން ލަނޑުގެ ފަރަގެއް ބޭނުންވެ އެވެ.
އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. އެރަށުގެ ޒުވާނުންނަށް ކުޅިވަރުގައި އިތުރަށް ކުރިއަށް ދިއުމަށް މަގު ފަހި ކުރުމުގެ ގޮތުން ބާއްވާ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ދެން ހިމެނެނީ ތިލަފުށި ކޯޕަރޭޝަނާއި ރަވިންސް އަދި ރެޑްވޭވާއި މިފްކޯގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝުޖާއު އެވެ.