ޑރ. މުހައްމަދު މުއިއްޒު

ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެހެން ބައެއް މީހުންނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40 އ) އެވެ.

ފުލުހުން ބުނީ މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެހެން ބައެއް މީހުންނަށް ނިސްބަތްކޮށްވެސް މަރާލާނެ ކަމަށާއި އެ ނޫން ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީ ހަދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން މިޔާދުގެ އެކައުންޓްތަކުން ހަޑި ހުތުރު ބަހުން އެކި ޕޯސްޓްތަކާއި އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށްވެސް ޕޯސްޓްތަކެއް ކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މިޔާދުގެ އެކައުންޓްތަކަކީ އެތައްހާސް ބަޔަކު ފޮލޯކުރާ އެކައުންޓްތަކެކެވެ. އޭނާގެ ބައެއް އެކައުންޓްތަކަކީ 9،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓްތަކެކެވެ.