މީރާ

މީރާގެ ފުރަތަމަ ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން އިވެންޓް ބާއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބައެއް ސްޓޭކްހޯލްޑަރުންނާއެކު "މީރާގެ ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން އިވެންޓް"ގެ ނަމުގައި ފޯރަމެއް އިއްޔެ ބާއްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގައި، މީރާގެ "މަސްލަހަތުވެރިން"ގެ ހިޔާލާއި މަޝްވަރާ ހޯދާ، މީރާއިން އިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ފަދަ ގޮތަކަށް މީރާގެ މަސައްކަތްތައް ބައްޓަންކުރުމަށެވެ.

މި ބައްދަލުވުމުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (އެމްއޭޓީއައި) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖަންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ފަދަ ޖަމްއިއްޔާތަކާއި ޓެކްސް ފާމްތަކާއި އޮޑިޓަރުން ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުމުގައި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވަނީ ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ޓެކުހުގެ ނިޒާމް ހަރުދަނާ ކުރުމަށް، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީރާގެ އަމާޒަކީ "ފެސިލިޓޭޓިވް" މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކާމާއެކު ޓެކުހުގެ އިލްތިޒާމް އަދާކުރެވޭ ގާބިލް މުއައްސަސާއެއްގެ ގޮތުގައި ދެމި އޮތުމެވެ.

މި އިވެންޓްގައި މައިގަނޑު ތިން މައުލޫއަކަށް މަޝްވަރާކޮށްފައިވެ އެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓެކްސް ދައްކާ ފަރާތްތަކާއި މީރާއިން މުއާމަލާތްކުރުމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ކުރާ
މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ޓެކްސް ދައްކާ ފަރާތްތަކުން ހޯދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޓެކްސް ދެއްކުމުގެ މަސައްކަތް އިތުރަށް ލުއިފަސޭހަކުރުމާއި މީރާ އާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންނެވެ.

މި މަޝްވަރާގައި ބައިވެރިން ހިއްސާކުރި މުހިއްމު ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަޖުރިބާ އިތުރުކުރުމުގެ ދަށުން މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ ގޮތުން ޚިޔާލުފާޅުކޮށް، ވެބްސައިޓަށް ގެނެވޭނެ ބަދަލުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ހިމެނޭ ކަމަށް މީރާއިން ބުނެ އެވެ.

މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، ޓެކްސް ދަރަނި ކުޑަކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ބައިވެރިން ހިޔާލުފާޅުކޮށްފަ އެވެ.

"ގުޅިގެން މީރާ" އިނިޝިއޭޓިވްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު މެދުނުކެނޑި މި ފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ރާވާފައިވާ ކަމަށް މީރާއިން ބުނެ އެވެ.