ކޭޝްކާޑައި އޯޓީޕީ ފަދަ މުހިއްމު އެއްވެސް މައުލޫމާތެއް ގޮތް ނެނގޭ މީހުންނަށް ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިކަަމަށް އިލްތިމާސް ކޮށްފައިވަނީ މާލޭގެ އުތުރު ފަރާތުން މާރުކޭޓު ސަރަހައްދުގައިި އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިންނެވެ.
މިޕޮރްގުރާމުގައި ތަފާތު އެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިވެ އެވެ.
އެގޮތުން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތާއި އޮންލައިންކޮށް ކުރާ ވިޔަފާރިތަކުގައި ސަމާލުވާންޖެހޭ ކަންކަން ބުނެދީފައިވެ އެވެ.
މީގެއިތުރުން އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަ ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް ބުނެދީފައިވެ އެވެ. އަދި މީހުންދޭ ގޮތްނޭގޭ އެއްޗެހިީގައި ނުހިފުމަށްވެސް ފުލުހުން ނަސޭހަތް ތެރިވެފައިވެ އެވެ.
އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ހިންގި މި ޕޮރްގްރާމުގައި އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ނަންބަރުތަކާއި މައުލޫމާތު ހިމެނޭ ލީފްލެޓްތަކެއްވެސް ބަހާފައިވެ އެވެ.
ކޭޝްކާޑައި އޯޓީޕީ ފަދަ މުހިއްމު އެއްވެސް މައުލޫމާތެއް ގޮތް ނެނގޭ މީހުންނަށް ނުދިނުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރާއިރު ބައެއް މީހުން އެގޮތަށް އަމަލުނުކުރާތީ މާލީ ބޮޑެތި ގެއްލުންތައް ބައެއް މީހުންނަށް ލިބިފައިވެ އެވެ.