ޑރ. މުހައްމަދު މުއިއްޒު

ޑިޖިޓަލް ހައްލުތަކަށް އިންޑިއާއެކު ކުރިއަށް ދިއުން މުހިއްމު: ރައީސް

ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިއަދު ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުން ފަދަ ޑިޖިޓަލް މާލީ ހިދުމަތްތައް ތައާރަފުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުތަކުގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާހުކޮށްގެން، ޑިޖިޓަލް އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައި އާލާކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޓެކް ކުންފުނިތަކާއި، ތައުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައިސީޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއް ކަމަށެވެ. އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ސަގާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް އަދި އިގްތިސާދީ ގުޅުންތައް ގާއިމުކުރެވިފައިވާ ދެ ގައުމު ކަމަށެވެ.

"އެހެންވެ ރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިއްމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ފާހަގަކުރައްވާފަ އެވެ. އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިތުރަށް ދިރާސާކުރުމަށް ރައީސް ވަނީ އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާއަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.