އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގައި ވަގުފް އިމާރާތް އަޅާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ހުޅުމާލޭގައި ވަގުފް އިމާރާތް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ވަގުފްތައް އިތުރުކުރުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް އެކެއްގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީހެއް ބިނާކުރުމަށް ކުރި އިއުލާނަށް އެކަށީގެންވާ ތަހުރީބު ލިބިފައިނުވާތީ އެ އިއުލާން ބާތިލުކޮށް، އަލުން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ވަގުފް އިމާރާތެއް އެޅުމަށް ފުރަތަމަ އިއުލާންކުރީ އޮގަސްޓް މަހުގެ 15ވަނަ ދުވަހު އެވެ.

މި އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި އެކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އިމާރަތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުން އޮންނަނީ މި މަހުގެ 30ވަނަ ދުވަހުގެ 11:00 ގައެވެ. މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް މެއިލް ނުވަތަ ފޯނުން ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި ދެވަނަ ވަގުފް އިމާރާތެއް -- ދާރުލް އަރުޤަމްގެ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓަރީ ކުރާ ފަރާތްތަކަށެވެ.