އިޒްރޭލް

އީރާން ބިރުން "ސިހޭވަރުގެ" ހަމަލާއެއް ދޭން އިޒްރޭލުން ތައްޔާރުވަނީ

އީރާނުން މިދިޔަ ހަފްތާގައި އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން "ސިއްސުވާލާފަދަ" ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެއްޖެ އެވެ.

އީރާނުން އިޒްރޭލަށް އަމާޒުކޮށް 200 އަށްވުރެ ގިނަ މިސައިލް ދޫކޮށްލީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

މިއީ އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުން ބަދަލު ހިފުމަށް ދިން ހަމަލާއެކެވެ.

އިޒްރޭލުގެ އާމީ ރޭޑިއޯ އަދި ހާޓޭޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަލަންޓް ވިދާޅުވެފައިވަނީ އިޒްރޭލުން ދޭނީ "ނުރައްކާތެރި، ސީދާ އަދި ސިއްސުވާލާފަދަ" ޖަވާބެކެވެ.

އެހެންނަމަވެސް، އިޒްރޭލުން މި ހަމަލާ ދޭނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އިޒްރޭލުން އަތުވެދާނެ ހަމަލާތަކަށް ރައްދު ދޭން އީރާނުން ތިބީ ތައްޔާރަށް ކަމަށާއި، އިޒްރޭލުން ބަދަލުގައި ހަމަލާއެއް ދީފިނަމަ، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްވެސް އީރާނުން ބުނެފައިވެ އެވެ.

މި ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ މާހައުލު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ މުޖުތަމައުން މި ހާލަތާމެދު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.