އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށްދޭ ލުއިތައް ކަނޑާލަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރާ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ދެމުން އައި ލުއިތައް ކަނޑާލުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އައިޖީއެމްއެޗުން ވަނީ އެ ނިންމުމާ ގުޅޭ ގޮތުން އެތެރޭގެ މެމޯއެއް ނެެރެފަ އެވެ. މިކަމާ ގުޅިގެން ގިނަ ނަރުހުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހޮސްޕިޓަލުން މި ނިންމުން ނިންމާފައިވަނީ އައިޖީއެމްއެޗް އަކީ 24 ގަޑިއިރު ހިދުމަތްދޭ ހޮސްޕިޓަލަކަށްވުމުން ގިނަ މުވައްޒަފުންތަކަކަށް ލުއިތައް ދިނުމަކީ ދަތިކަމަކަށްވާތީ ކަމަށް މެމޯގައިވެ އެވެ.

މެމޯގައި ވާގޮތުން މިހާރު ލުއިތައް ދީފައިވާ މުވައްޒަފުންނަށް ފްލެކްސިބިލިޓީ ޑިއުޓީގައި ކުރިއަށް އޮތް ދެމަސް ދުވަހަށް މަސައްކަތްކުރަމުން ގެންދެވޭނެ އެވެ. އަދި އެ މުއްދަތަށްފަހު އެއްވެސް މުވައްޒަފަކަށް ޑިއުޓީ ގަޑިތަކާ ގުޅިގެން ލުއި ހަމަޖައްސައިނުދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދާ ނަރުހުން ބުނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ ނަރުހުންނަކީ އަންހެނުން ކަމުގައިވާއިރު އެފަދަ ލުއިތައް ކަނޑާލުމަކީ އޭގެ ސަބަބުން އެތައް ދައްޗެއް ކުރިމަތިވާނެކަމެއް ކަމަށެވެ. އަދި ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދުޅަހެޔޮ ކަމަކީ ވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށް ބުނަމުންދެ އެވެ.