ހުޅުމާލެ ހޮސްޕިޓަލްގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.
މިމަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ މެޑްޓެކް ކުންފުންޏަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. މެޑްޓެކްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަހްމަދު ހައިކަލް އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި މިވަގުތުވެސް ޑައިލިސިސް ހެދުމަށް 10 އެނދު ހުރެ އެވެ. ނަމަވެސް ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ ޖާގައިގެ މައްސަލަ ބޮޑުވެ ޑައިލިސިސް ހެދުމަށް އިތުރު އެނދުތަކެއް ގާއިމުކުރަން ނިންމީ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
މިމަސައްކަތް މެޑްޓެކުން ކުރާއިރު ދައުލަތުން ސީދާ މިމަސައްކަތަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެ އެވެ. ނަމަވެސް ޑައިލިސިސް ސެންޓަރަށް ބޭނުންވާ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓް ފޯރުކޮށްދޭނީ އަގެއް ނެގުމަށްފަހު މެޑްޓެކް ކުންފުނިންނެވެ.
ސަރުކާރުން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް ހުރި ތަނުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.