މަސްތުވާތަކެތި

ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި

ރާއްޖެއަށް "ވޭޕް އޮއިލް"ގެ ނަމުގައި އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް މިރޭ އަތުލައިގެންފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ކަސްޓަމްސް އޮފިސަރުން މި ޝިޕްމަންޓް އަތުލައިގެންފައިވާ ކަމަށް މިރޭ ޔަގީންކޮށްދެއްވާފަ އެވެ.

މިނިސްޓަރު އިހްސާން މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވީވެސް ވޭޕްގެ ނަމުގައި އޮޅުވާލައިގެން މަސްތުވާތަކެތީގެ ބާވަތްތައް އެތެރެކުރާތީ ކަމަށެވެ.

ވޭޕް އެތެރެކުރުން މަނާކުރަން ނިންމި ނިންމުމާ ގުޅޭގޮތުން މިނިސްޓަރު އިހްސާން ވިދާޅުވީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާ އެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ މި ގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމުމެއް ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.