ތެލެސީމިއާ ކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ އެއްބައި ކަމަށާއި އެހެން ކުދީންނެކޭ އެއްފަދައިން އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުސަތުތަކެއް އެކުދިންނަށްވެސް ފަހިވެފައި އޮންނަންވާނެ ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓާ ޕްލޭން އިފުތިތާހު ކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުސައިން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ ލޭ ކަމަށްވާތީ ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހަކުވެސް އުފަލުން ކުރަންޖެހޭ ކަމަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ އެކުދިންގެ ދިރިހުރުމުގެ އުއްމީދު،" ހުސައިން ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_TswGe8z67aY1NXKGI8bnT6AgB.jpg)
ނައިބް ރައީސް ވިދާޅުވީ އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމަށެވެ. ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުސަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިއްމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައި ދެއްވުން ކަމަށެވެ. ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން،" ނައިބް ރައީސް ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_79q43RTtCZZ3ohifvmxPU3BI8.jpg)
ހުސައިން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދައްކަވަމުން ގެންދެވި އެއް ވާހަކައަކީ އޭރުގައި އޮތް ސަރުކާރުން ސިއްހީ ނިޒާމަށް ވަމުން އައި އިހުމާލުގެ ވާހަކަ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސިއްހީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ފައްޓަވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ އެބަޖެހޭ. ކަމެއް ދިމާވިޔަސް މާލީ ހާލަތު ހުންނަ ގޮތުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަހައްމަލު ކުރަންޖެހޭ. އެހެންވެ މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ދަނީ ހަމަޖައްސަމުން،" ނައިބް ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރުންނާއެކު ތާރީހީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
![](https://images-01.avas.mv/post/big_QEBt1Ftu9bAlqOIKHMgGsBjGK.jpg)
ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓާ ޕްލޭންގައި މައިގަނޑު ހަތް ސިޔާސަތު އެކުލެވިގެންވެ އެވެ. މީގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާއި، ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އާ އީޖާދުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުންވެސް ހިމެނެ އެވެ.