އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އަދިވެސް އޮތީ ކުރިއަށެވެ. މި އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ އަޑުގަދަ ދެ ކެންޑިޑޭޓުން -- ޑޮނަލްޑް ޓްރަމްޕް އާއި ކަމަލާ ހެރިސްއަށް ތާއީދުކުރާ މީހުންގެ މެދުގައި ވާދަވެރިކަން ވަކިން ބޮޑެވެ.
ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ބައިއަތު ހިއްޕަވައިގެން ހުންނެވި އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކު ދެކެވަޑައިގަންނަވާ ގޮތުގައި މެޝިނުން ވޯޓުލުމަކީ އިންތިހާބުގެ މިނިވަންކަން ގެއްލިދާނެ ކަމެކެވެ؛
މަސްކް ވިދާޅުވީ މެޝިންތައް ކޮންޓްރޯލް ކުރަނީ ކޮމްޕިއުޓަރު ޑާޓާބޭސްއަކުން ކަމަށާއި، އެއް މެޝިން އަނެއް މެޝިނާ ވާހަކަދައްކައި މުއާމަލާތުކުރުމަށް ނެޓްވޯކެއްގެ ތެރެއިން ސާވާއަށް ގުޅަންޖެހޭ ކަމަށެވެ.
ވޯޓުލުމުގައި ބޭނުންކުރެވޭ މެޝިންތައް ކޮމްޕިއުޓަރު ނެޓްވޯކެއްގައި ހުރުމަކީ އެ މެޝިންތަކަށް ވަދެގަތުމަށް ހެކަރުންނަށް ފުރުސަތު ބޮޑު ކަމެއް ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެކަރުންގެ އަތުގައި މެޝިންތައް ދަށުވެއްޖެނަމަ ރިޔާސީ އިންތިހާބު ފަދަ ބޮޑު އިންތިހާބެއްގައި ރައްޔިތުންގެ ހައްގުތައް ގެއްލި -- ހެކަރުން ބޭނުންވާ މީހަކަށް ރައީސްކަން ލިބިދާނެ ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ މުހިއްމު ކަމަށް ބަަލާއިރު އެންމެ ރަނގަޅު ގޮތަކީ -- މަސްކު ވިދާޅުވި ގޮތުގައި ކަރުދާހުގައި ވޯޓުލުމެވެ. ކޮންމެ މީހަކަށް ކަރުދާސްކޮޅެއް ދިނުމުން އެ މީހަކު އެދޭ ކެންޑިޑޭޓެއްގެ ކައިރީގައި ފާހަގަޖަހާނީ ކަމަށްވެސް ވިދާޅުވި އެވެ.
މެޝިނުން ވޯޓުލުމުގައި ފަސޭހަތަކެއް ހުރި ކަމަށް މަސްކް ވިދާޅުވި އެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުވުމަކީ އަދި ވަކިން މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މަސްކް ވިދާޅުވީ އޭނާ އަކީ ކޮމްޕިއުޓަރު ސައިންސަށް އަދި ކޮމްޕިއުޓަރު މެޝިންތައް އޮޓަމެޓިކްކުރަން މަސައްކަތްކުރައްވާ އަދި އެކަމަށް ހިތްވަރު ދެއްވާ މީހެއް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ މުހިއްމު ކަމަށް ބަލައި، ކަރުދާހުގައި ފާހަގަޖަހާ ގޮތަށް ވޯޓުލާން އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.
އިންތިހާބީ ހުރިހާ ކަމެއްގައި މިނިވަން މުއްސަސާތަކަށް އެހީތެރިވެދޭނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ. އެއީ އެކަމުން މަންފާއެއް ހޯއްދެވުުމުގެ ނިޔަތުގައި ކުރައްވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.