ޠާރިގު އިބްރާހީމް

ތިން މިލިއަން ގަސް އިންދަން އެކި ފަރާތްތަކުން އިސްނަގައިފި: ތޯރިގު

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ތިން މިލިއަނަށްވުރެ ގިނަ ގަސް އިންދުމަށް އެކިފަރާތް ތަކުން އިސްނަގާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ތޯރިގު މިއަދު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި މިހާތަނަށް 3.1 މިލިއަން ގަސް އިންދުމަށް އެކިފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް 3.1 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ހަތަރު ލައްކައެއްހާ ގަސް އިންދިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިޕްރޮގްރާމުގެ ފުރަތަމަ ދުވަހުވެސް 398،000 ގަސް އިންދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ރިޔާސީ ވައުދެކެވެ. ރައީސްގެ ވައުދު ފުއްދުމަށް އެހީވުމުގެ ގޮތުން އެމްޕީއެލް އިން އެކަނިވެސް ވަނީ އެއް މިލިއަން ގަސް އިންދަން ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މި ޕްރޮގްރާމް ފައްޓަވައި ދެއްވީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު -- ޖޫން ފަސްވަނަ ދުވަހު އެވެ.